ވިޔަފާރި

ޓީއެމްއޭއަށް ބަދަލުދޭން ޖެހޭފަދަ ހާލަތެއް ނެތް- ސަރުކާރު


ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ސަރުކާރުން ޓީއެމްއޭއަށް ބަދަލުދޭން ޖެހޭފަދަ ހާލަތެއް ނެތްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ މިހެން ވިދާޅުވީ އައު ސީޕްލޭން ޓާމިނަލްއިން ޓީއެމްއޭއަށް ޖާގަދޭން ސަރުކާރުން ނިންމާފައިވާ ގޮތާބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ޓީއެމްއޭއަށް ބަދަލު ދޭންޖެހޭ ފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް މަޖުލީހުގެ ރައީސް ވިދަޅުވެފައިވާތީ، މިކަމާބެހޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ނެތްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ ސަރުކާރުން ބެލި ބެލުމުން ޓީއެމްއޭއަށް ބަދަލެއް ދޭން ޖެހޭ ފަދަ ހާލަތެއް އަންނާނެކަމަށް ނުބެލެވޭކަމަށެވެ.

"ޤާނޫނީ ގޮތުން ޑްރާފްޓް އެގްރީމަންޓެއް އެބައޮތް، ވާހަކަ ތަކެއް ދެކެވިފައި އެބައޮތް. އެކިއެކި ޤާނޫނީ ވަކީލުންގެ ރައްޔޫއަށް ބަލައިފިނަމަ، ޤާނޫނީ ގޮތުން ބައެއް ފަހަރު އެގްރީމަންޓެއްގައި ސޮއިނާޅާ އޮތްކަމުގައިވިޔަސް، ބަނދެވޭ ބަނދެވުންތަކެއް ހުރޭ. އާރބިޓްރޭޝަންގައި ދުނިޔޭގެ އެކިއެކި އެވިޑަންސްއަށް ބޭސްކޮށްގެން ނިންމުންތަކެއް ނިންމަނީ. އަޅުގަނޑުމެން ބެލިބެލުމުގައި މިހާލަތުގައި އަޅުގަނޑުމެންނަށް އެއަކަށް ބަނދެވިފައިއެއް އަދިއެއް ނެތް. އަޅުގަނޑުމެނެއް ގަބޫލެއް ނުކުރަން ބަދަލެއް ދޭންޖެހޭނެ ހާލަތެއްގައި ކަމެއް އެކަން އޮތީކީ. އެ ޑްރާފްޓް ބަދަލުކުރެވިފައި ހުރިކަމުގައި ވީނަމަވެސް، ދެން އޭގެ ވަށައިގެން ހުރި ހުރިހާ ކަމަކަށް ބަލާއިރު، ޤާނޫނީ ގޮތުން ބަނދެވިފައި އޮތްކަމަކަށް އަދިއެއް ނުދެކެން." ފައްޔާޒު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ވަނީ ސީ ޕްލޭން ޓަރމިނަލްއާ ގުޅޭގޮތުން އޭސީސީން ތައްޔާރުކޮށްފައިވާ ރިޕޯޓާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ސަރުކާރުން ޓީއެމްއޭއަށް އައު ޓާމިނަލުން ޖާގަ ދޭން މިހާރު ނިންމާފައިވާ ގޮތުގެ ސަބަބުން ދައުލަތަށް ގެއްލުން ލިބޭނެކަމަށް އޭސީސީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާއިރު، މިނިސްޓަރ ފައްޔާޒު ވިދާޅުވީ އޭސީސީން ތައްޔާރުކުރި ރިޕޯޓުގައި އަދަދުތައް ކަޑައަޅާފައިވާ މިންގަނޑަކީ ކޮބައިކަން ނޭނގޭކަމަށެވެ.

"އޭސީސީ ރިޕޯޓު ތައްޔާރުކުރައްވާފައި، އެބޭފުޅުން އަދަދަށް އައިގޮތެއް އެއީ އަދި އަޅުގަނޑުމެން ޤަބޫލުކުރާ އަދަދެއް ނޫން. އެބޭފުޅުންގެ އަދަދުތައް އެހުރީ ސަތޭކަ ޕަސަންޓު ހޯދޭނެ ކަމަށް އަންދާޒާ ކޮށްފައި. އާންމުކޮށް އަންދާޒާ ކުރާނީ މުޅި އެތި އެއްކޮށް އެންމެ ބޮޑު އަގުގައި ދެވޭނެކަމަށް ނޫން ޓެންޑަރގަ. އަންދާޒާކުރުމުގައި ގެންގުޅޭ މިންގަނޑުތަކެއް ހުންނާނެ. އެހެންވެ އެ މިންގަނޑަކީ ކޮބައިކަމެއް އަޅުގަނޑުމެންނަށް ސީދާ ދަންނަވާކަށް ނޭގެނެ. އޮޑިޓަރ ޖެނެރަލް ދަންނަވާފައި އޮތީ އޭސީސީގެ އަދަދަށްވުރެ ކުޑަ އަދަދެއް." ފައްޔާޒު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ސީ ޕްލޭން ޓަރމިނަލުން އެއަރލައިންތަކަށް ޖާގަ ދޫކުރުމަށް ސަރުކާރުން އުސޫލުތައް ކަނޑައެޅުމުގައި ބަލާފައިވާނީ ދައުލަތަށްވެސް ގެއްލުން ނުވާނޭހެން އަދި ބޭރުގެ އިންވެސްޓަރުންގެ އިތުބާރުވެސް ނުގެއްލޭނެފަދަ ގޮތަކަށްކަމަށެވެ.

"ފުރަތަމަ ދުވަހުވެސް ސަރުކާރާ ހަވާލުވެ، އަޅުގަނޑުމެން ނިންމާފައިވާނީ ދިވެހި ދައުލަތަށް ދިވެހިރައްޔިތުންނަށް އެންމެ ރަގަނޅު ގޮތަކަށް މިކަން ނިންމަން. ދިވެހި ދައުލަތަށް އެންމެ އާމްދަނީ އިތުރުވާނެ ގޮތަކަށް މިކަން ނިންމަން. އަދި އެއާއެކު ރާއްޖެއަށް އަންނަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަރުންގެ އިތުބާރާއި ޔަޤީންކަން ރާއްޖެއަށް އޮންނާނެ ގޮތަކަށް އެކަންތައްތައް ނިންމުން." މިނިސްޓަރ އަމީރު ފާހަަގަކުރެއްވިއެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ، އެމްއޭސީއެލްއިން ހަދާފައިވާ ސީޕްލޭން ޓާމިނަލުން ޖާގަ ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ޓީއެމްއޭއަށް ދޭނީ މިހާރުވެސް އެއަރޕޯޓުން ޓީއެމްއޭއަށް ދީފައިވާ ޖާގައާ އެއްވަރުގެ ޖާގައެކެވެ. އެއީ 6300 އަކަ މީޓަރު 10.35 ޑޮލަރުގެ ރޭޓުންނެވެ. އަދި އެހެން އޮޕަރެޓަރުންނަށް ވެސް ހަމަ މިހާރު ދޫކޮށްފައިވާ ޖާގައާ އެއްވަރުގެ ޖާގައެއް ޓީއެމްއޭއަށްވެސް ދޭ ރޭޓުގައި ކުއްޔަށް ދިނުމަށްފަހު، ބާކީ އޮންނަ 21000 އަކަމީޓަރު ޓެންޑަރުގެ އުސޫލުން އާޢްމުކޮށް ހުޅުވާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެއިތުރުން 2 އަހަރު ދުވަހަށްފަހު މުޅި ޓާމިނަލްގެ ހިންގުން އެމްއޭސީއެލް ދަށަށް ގެނެސް، ހަމައަގުގައި ކުލި ނަގަން ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.