ޚަބަރު

ޑެންގީ ހުން ޖެހޭ މިންވަރު ދަށަށްގޮސް އަރިދަފުސް ރޯގާ އިތުރު!


މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ އަދަދު އިތުރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އަރިދަފުސް ރޯގާ ޖެހިގެން 21248 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މިއީ މިދޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 2279 ކޭސް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އަރިދަފުސް ރޯގާ ޖެހިގެން 18969 ކޭސް ވަނީ ރިޕޯޓު ކޮށްފައެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހުގެ ނިއަލަށް 5288 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް މިއަދަދު މިއަހަރު ވަނީ އިތުރުވެފައެވެ މިގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ އެކަނިވެސް ބޭރަށް ހިންގުމާއި ހޮޑުލުމުގެ 5397 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރި އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވަނީ ޖުމްލަ 70 ކޭސްއެވެ. މިދިޔަ ޑިސެމްބަރު މަހުގައި ޑެންގީ ހުން ޖެހިގެން 215 ކޭސް ވަނީ ރިޕޯޓު ކޮށްފައެވެ.

އެޗްޕީއޭއިން ވަނީ މިފަދަ ބަލިތަކުން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ނިވާކުރުމާއި މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުމަށްވަނީ އިލްތިމާސްކޮށްފައެވެ އަދި އާއްމު ސާފުތާހިރުކަމަށް ސައިބޯނިލައިގެން އަތްދޮވުމަށް އިސްކަންދިނުމުގެ އިތުރުން މިފަދަ ބަލިތަކުން ސަލާމަތްވުމަށް ގޭގައި ދެވެން ހުންނަ ފަރުވާތައް ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.