ޚަބަރު

ކޯވިޑް-19 ފެތުރެން ފެށުނުފަހުން 50 ދުވަސް، އަދިވެސް ނުރައްކާ ބޮޑު


ޗައިނާއިން އާ އަހަރަށް މަރުޙަބާ ކިޔާފައިވަނީ މީގެ ކުރިން ފެނިފައިނުވާ ނޮވެލް ކޮރޯނާވައިރަހުގެ ނުރައްކާ އެޤައުމުގެ އެކި ސަރަޙައްދުތަކަށް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. ނިއުމޯނިޔާއާ އެއްގޮތްކަމެއްހުރި ގޮތްނޭނގޭ ބައްޔެއް ފެތުރެމުންދާކަމަށް ޑިސެންބަރު މަހުގެ 31ވަނަ ދުވަހު ޗައިނާއިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއަށް އެންގިއެވެ. އެވައިރަސް އެންމެ ފުރަތަމަ ފެތުރިފައިވަނީ އެގާރަ މިލިއަން މީހުން ދިރިއުޅޭ ހޫބެއި ޕްރޮވިންސުގެ ވެރިކަންކުރާ ރަށް، ވުހާން ސިޓީގައެވެ އޭގެ ފަހުން މިހާރުވަނީ ފަންސާސް ދުވަސް ފާއިތުވެގެންގޮސްފައެވެ.

ކޯވިޑް-19ގެ ނަންދީފައިވާ ކޮރޯނާވައިރަސްވަނީ ޗައިނާގެ 68500އަށްވުރެ ގިނަ މީހުންގެ ގައިން މިހާތަނަށް ފެނިފައެވެ. އަދި ފާއިތުވި ދެމަސްދުވަހުގެ ތެރޭގައި 1400އަށްވުރެ ގިނަ މީހުންވަނީ އެބަލިމަޑުކަމުގައި މަރުވެފައެވެ. ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮންނަ ޗައިނާއިން އަދިވެސްދަނީ ވައިރަހާ ހަނގުރާމަކުރަމުންނެވެ. ހަމައެއާއެކު، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްޠިޟާދު އޮންނަ ޗައިނާގެ އިޤްތިޞާދަށް އައިސްފައިވާ ލޮޅުން ހަމައަކަށް އަޅުވާ، ލިބެމުންދާ ގެއްލުންތައް ފޫބެއްދުމަށް ކެނޑިނޭޅިދަނީ މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ސަރުކާރުންވަނީ ކޯވިޑް-19 އެންމެ ފުރަތަމަ ފެނުނު ވުހާން ސިޓީއަށް ވަދެނިކުމެ ނޫޅެވޭގޮތަށް ޖެނުއަރީ 23ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައެވެ. އެރަށުގެ އޮފީސްތަކާއި ކާރުޚާނާތަކާއި މަދަރުސާތައް ބަންދުކޮށް، ރަށުތެރޭގައި ދަތުރުފަތުރުކުރުމުގެ ނިޒާމުވަނީ ހުއްޓުމަކަށްގެނެސްފައެވެ. ނަމަވެސް، ޗައިނާގެ އިތުރު ސަރަޚައްދުތަކަށާއި ދުނިޔޭގެ ކަންކޮޅުތަކައް އެވައިރަސްވަނީ ހަލުވިކަމާއެކު ފެތުރިފައެވެ.

ޗައިނާގެ ބޭރުން 24އަށްވުރެ ގިނަ ޤައުމަކުން އަދި ސަރަޚައްދަކުން ވައިރަސް މިހާތަނަށްވަނީ ފެނިފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުން 500އަށްވުރެ ގިނަ މީހުނަށް ވައިރަހުގެ އަސަރު މިހާތަނަށް ކޮށްފައިވެއެވެ. އަދި ޗައިނާގެ އިތުރުން 5 ޤައުމެއްގައި އެބަލިމަޑުކަމުގެ ސަބަބުން 5 މީހުންވަނީ މަރުވެފައެވެ. އެއީ ޖަޕާނާއި ޓައިވާނާއި ހޮންގްކޮންގާއި ފިލިޕީންސާއި ފަރަންސޭސިވިލާތުންނެވެ.

ވިލާތުގެ އިއްތިޙާދަށް ނިސްބަތްވާ ޤައުމެއްގައި މީހަކު ކޮރޯނާވައިރަހުގެ ސަބަބުން ފުރަތަމަ މަރުވީ ފަރަންސޭސިވިލާތުގައެވެ. އުމުރުން 80 އަހަރުގެ އެމީހާ ފަރަންސޭސި ވިލާތުގައި މަރުވީ ވައިރަހުގެ ސަބަބުން ފުއްޕާމޭގައި އުފެދުނު އިންފެކްޝަނެއްގެ ސަބަބުންނެވެ. އެމީހާގެ އިތުރުން އެޤައުމުގައި އިތުރު 12 މީހެއްގެ ގައިން ވައިރަސް ފެނިފައިވެއެވެ. މީގެ އިތުރުން ކެމްބޯޑިޔާއަށް މަޑުކޮށް، މެލޭޝިޔާއަށް ދަތުރުކުރި ކުރޫޒްލައިނާއެއްގައިހުރި 83 އަހަރުގެ އެމެރިކާ އަންހެނެއްގެ ގައިންވެސް އެވަރިއަސްވަނީ ފެނިފައެވެ. އެއީ 1455 ފަސިންޖަރުންނާއިއެކު ދަތުރުކުރި އެއުޅަނދުން އެވައިރަސް ފެނުނު ފުރަތަމަ ފަހަރެވެ.

ހަމައެއާއެކު ޑައިމަންޑް ޕްރިންސަސް ނަމަކަށްކިޔާ ކުރޫޒްލައިނާއެއްގައިތިބި ފަސަންޖިރުންގެ ތެރެއިން 355 މީހެއްގެ ގައިންވެސް ވައިރަސްވަނީ ފެނިފައެވެ. އެއުޅަނދުވަނީ ޖަޕާނުގައި ދެހަފުތާވަންދެން ކަރަންޓީނުކޮށްފައެވެ.

އެމެރިކާއިންވަނީ އެއުޅަނދުގައި ތިބި އެޤައުމުގެ ރައްޔިތުން ބޯޓުން ބާލާ އަނބުރާ ޤައުމަށް ގެންގޮސްފައެވެ. ބެލެވޭގޮތުގައި އެއުޅަނދުގައިތިބި ކެނެޑާއާއި އިޓަލީވިލާތާއި ދެކުނު ކޮރެޔާއާއި ހޮންގުކޮންގުގެ ރައްޔިތުން އެމީހުންގެ ޤައުމުތަކަށް ވަރަށް އަވަހަށް އަނބުރާދާނެއެވެ.