ޗައިނާއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އެޤައުމުގެ ރައްޔިތުންގެ ސަލާމަތާ ޞިއްޙަތަށްކަމަށް ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ކޮންސަންއާ ފޯނުމެދުވެރިކޮށް ވާހަކަދައްކަވަމުން ޗައިނާގެ ރައީސް ޝީ ވިދާޅުވީ އެޤައުމަށް ލިބިފައިވާ ހުރިހާ އާލާތްތަކާ ވަޞީލަތްތަކެއް ބޭނުންކޮށްގެން ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ކާމިޔާބު ފިޔަވަޅުތަކެއް އަޅާފައިވާނެކަމަށެވެ. ޝީ ވިދާޅުވީ ދުނިޔޭގެ އެހެން ހިސާބުތަކަށް ވައިރަސް ފެތުރުނަނުދިނުމަށް ޗައިނާއިން ގިނަ މަސައްކަތްތަކެއްކޮށްފައިވާކަމަށެވެ.
ޝީ ވަނީ ވައިރަހުގެ ސަބަބުން ޗައިނާއަށް ކުރިމަތިވެފައިވާ އުނދަގޫ ވަގުތުގައި އިނގިރޭސިވިލާތުން ދީފައިވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. ޝީ ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޗައިނާގައި ފެތުރެމުންދާ ވައިރަހުގެ ސަބަބުން ޗައިނާގެ އިޤްތިޞާދަށް ކުރާނެ އަސަރުތައް ކުޑަކުރުމަށް އެޤައުމުން އެކަށިގެންވާ ފިޔަވަޅުތައް އަޅާނެކަމަށެވެ.
މީގެ އިތުރުން، ފަރަންސޭސިވިލާތުގެ ރައީސް އެމެނުއަލް މެޚްރޯންއާ ފޯނުން ވާހަކަދައްކަވަމުން ޝީ ވިދާޅުވީ ވައިރަހާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފުރިހަމަ ކާމިޔާބެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. ޝީ ވިދާޅުވީ ޗައިނާއިން މިދަނޑިވަޅުގައި ގެންގުޅެނީ ދެފުށްފެންނަ ސިޔާސަތެއްކަމަށެވެ.