ޚަބަރު

"ދެކުނު މަހާސިންތާ"ގައި ކަމާނުގުޅޭކަމަކަށް ހޭދަކުރެއްވި 444 ރުފިޔާ ހޯދަން އޭސީސީން މަޖިލީހަށް އަންގައިފި


އެމްޑީޕީން ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށް ބޭއްވި ދެކުނު މަހާސިންތާއަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގއ.ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅުގައި މަހާސިންތާގައި ނުހިމެނޭ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް މަޖިލީހުގެ ބަޖެޓުން ހޭދަކުރި ހަތަރު ސަތޭކަ ސާޅީސް ހަތަރު ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށްފަހު އޭސީސީއަށް އެންގެވުމަށް އެއިދާރާއިން ރައްޔިތުންގެ މަޖިލީހަށް އަންގަވައިފިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓުމަހު ބޭއްވި، ދެކުނުގެ މަހާސިންތާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަތުމާ ގުޅިގެން ހުށަހެޅި މައްސަލަ ބެލުމަށްފަހު މިއަދު އެއިދާރާއިން މަޖިލީހަށް އަންގާފައިވަނީ މަހާސިންތާގެ ބޭރުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރުކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ޚަރަދުކޮށްފައިވާ 444 ރުފިޔާ އަނބުރާ ދައުލަތަށް ހޯދުމަށްފަހު އޭސީސީއަށް އެންގުމަށް އެދޭކަމަށެވެ.

އޭސީސީގެ މިނިންމުމާމެދު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިމައްސަލާގައި ހިނގައިދިޔަ ޚަރަދުތަކުގެ ތެރެއިން އެންމެ ހަތަރު ސަތޭކަ ސާޅީސް ހަތަރު، ރުފިޔާ ގޯސްކޮށް ޚަރަދުކޮށްފައިވާކަމަށް އަންގަވާފައިވާކަމީ ކަންބޮޑުވާކަމެއްކަމަށެވެ. އަދި އޭސީސީގެ މިނިންމުމާމެދު މަޖިލިސް މެމްބަރުން ދެކެވަޑައިގެންނަވާ ގޮތްވެސް އެމަނިކުފާނުވަނީ ސާފުކުރައްވާފައެވެ.

މަޖިލިސް އިދާރާއިން ދައުލަތަށް ދައްކަންޖެހޭ ފައިސާއާއި ގުޅިގެން މަޖިލިސް ރައީސް މެމްބަރުންގެ ކިބައިން ޚިޔާލުފާޅުކުރުމަށް، އެދުމުން ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް ޢަލީ ވިދާޅުވީ އެފައިސާ ދައުލަތަށް ދައްކަވައި ދެއްވާނެކަމަށެވެ. ޔޫނުސްގެ ވާހަތަކަށް މަޖާޒީ ގޮތެއްގައި ރައީސް ނަޝީދުވަނީ ޖަވާބު ދެއްވާފައެވެ.

ދެކުނު މަހާސިންތާގެ ބޭރުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އިތުރަށް ހިނގި ހަތަރު ސަތޭކަ ސާޅިސް ހަތަރު، ރުފިޔާއަކީ ޓިކެޓް އަގުބޮޑުވެގެން އެމަނިކުފާނުގެ ހަށިފާރަވެރިޔާގެ ޓިކެޓް ނެގުމަށް ހިނގާފައިވާ ޚަރަދެކެވެ.