ވިޔަފާރި

އެޗްއެސްބީސީން 35000 ވަޒީފާ އުވާލަނީ


ހޮންކޮންގް މަލްޓިނޭޝަނަލް ބޭންކް، އެޗްއެސްބީސީން އެބޭންކުގެ 35000 ވަޒީފާއެއް އުވާލުމަށް ނިންމައިފިއެވެ.

އެޗް.އެސް.ބީ.ސީން މިގޮތަށް ނިންމާފައިވަނީ އެކުންފުނީގެ 2019 ވަނަ އަހަރުގެ ފައިދާ ދަށަށް ގޮސް، ކުންފުނި ރިސްޓްރަކްޗަރކުރުމުގެ ބޭނުމުގައިކަމަށް އެބޭންކުން މައުލޫމާތުދެއެވެ.

ހޮންކޮންގ ޝަންހާއީ ބޭންކިން ކޯޕަރޭޝަން، އެޗްއެސްބީސީން ބުނާގޮތުން އެބޭންކުގެ 2019 ވަނަ އަހަރުގެ ފައިދާ 3 ގުނަ ދަށަށް ދިޔަކަމަށް އިއުލާންކޮށްފައެވެ. އެޗްއެސްބީސީން ބުނީ ކުންފުނީގެ ފައިދާ ދަށަށް ދިޔައީ އިންވެސްޓްމަންޓުތަކާއި ޔޫރަޕުގައި ކޮމާޝަލް ބޭންކިންގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތަށް 7.3 ބިލިއަން ޑޮލަރުގެ ހަރަދު ކުރުމުގެ ސަބަބުން ކަމަށެވެ.

ފައިދާ ދަށަށް ގޮސްފައިވާތީ އެބޭންކުން މިހާރު ވަނީ ހަރަދު ކުޑަކުރުމާއި ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ ހާއްސަ ޕްލޭނެއް އެކުލަވާލާ އިއުލާންކޮށްފައެވެ. މިގޮތުން ރީސްޓްރަކްޗަރ ޕްލޭންގެ ދަށުން 2022 ވަނަ އަހަރުގެ ނިޔަލަށް އެޗްއެސްބީސީގެ ހަރަދުތަކުން 4.5 ބިލިއަން ޑޮލަރު ކަނޑާލުމަށް ވަނީ ނިންމާފައެވެ.

މިބަދަލުތަކުގެ ތެރެއިން އެޗްއެސްބީސީން ވަނީ އެބޭނުންކުގެ 35000 ނުވަތަ ކުންފުނީގެ 15 އިންސައްތަ ވަޒީފާ އުނިކުރުމަށް ނިންމާފައެވެ. އެޗްއެސްބީސީގެ އިންޓަރިމް ޗީފް އެގްޒެކެޓިވް ނޮއެލް ކުއިން ވިދާޅުވީ ކުންފުނީގެ ވަޒީފާތައް މަދުކުރުމަށް ނިންމާފައިވަނީ 3 އަހަރު ދުވަހަށް ބަހާލައިގެން ކަމަށެވެ. މިގޮތުން ތިން އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ މުއައްޒަފުންގެ އަދަދު 235000 އިން 200000 އަށް ދަށް ކުރާނެކަމަށެވެ.

މިއީ އެޗްއެސްބީސީން ވަޒީފާތައް މަދުކުރާނެކަމަށް ކުރިން މާހިރުން ލަފާކުރި އަދަދަށްވުރެ ބޮޑު އަދަދެކެވެ. ކުރިން އެކި ފަރާތްތަކުން ލަފާކޮށްފައިވަނީ އެޗްއެސްބީސީން މަދުކުރާނީ 10000 ވަޒީފާކަމަށެވެ.

އުތުރު އެމެރިކާއާއި، ޔޫރަޕް، މެދުއިރުމަތި އަދި އޭޝިއާގެ 50 ޤައުމެއްގައި އެޗްއެސްބީސީގެ އޮފީސްތައް ދަނީ ހިންގަމުންނެވެ. މިގޮތުން ބޭންކުގެ މައި އޮފީސްތައް ހުންނަ އިނގިރޭސިވިލާތުގައި 40000 މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެޗްއެސްބީސީން އެބޭންކުގެ ވަޒީފާތައް މަދުކޮށް، ޚަރަދު ކުޑަކުރުމުގެ އެކި ފިޔަވަޅުތައް އެންމެ ބޮޑަށް އަޅާނީ ޔޫރަޕް އަދި އެމެރިކާގައި ހިންގާ އޮފީސްތަކުގައި ކަމަށެވެ. ނަމަވެސް މީގެއިތުރު ތަފްސީލެއް އެބޭންކުން ދީފައެއް ނުވެއެވެ.

އެޗްއެސްބީސީގެ ފައިދާ މިދިޔަ އަހަރު ދަށްވުމުގެ އިތުރުން މިހާރު ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުންނާއި، އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވުމާއި ގުޅިގެންވެސް އެކުންފުނީގެ ހިންގުމަށް އަސަރުތަކެއްކުރާނެކަމަށް ލަފާކުރެވެއެވެ. އެބޭންކުން ބުނީ ކޮރޯނާ އާއި ގުޅިގެން ބޭންކަށް ކުރާނެ އަސަރު އެންމެ ސާފުކޮށް ލަފާކުރަން ނޭގޭކަމަށެވެ.

1965 ވަނަ އަހަރު ޤާއިމްކުރި، އެޗްއެސްބީސީއަކީ އޭޝިއާޔާއި ޔޫރަޕްގެ މެދުގައި ވިޔަފާރީގެ ގުޅުން އިތުރު ކުރުމަށް ހުޅުވިގެން ދިޔަ ބޭންކެކެވެ.