ޚަބަރު

އިދިކޮޅު ޕާޓީން ރިޔާސީ ބަޔާނަށް ޖަވާބުދިނުން އަންނަ ހޯމަ ދުވަހު


ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމުގެ ފުރުޞަތު އަންނަ ހަފްތާގެ ހޯމަދުވަހު އިދިކޮޅު ޕާޓީއަށް ދެއްވުމަށް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވަވާފައި ވަނީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށްޓަކައި މިމަހުގެ 3 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭގޮތަށް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންޖެހޭ ބަޔާނެކެވެ. އަދި ރިޔާސީ ބަޔާނަށް ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ޕާޓީގެ ލީޑަރު ޖަވާބުދެއްވަން ވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ 65 މެންބަރުން މަޖިލީހުގައި ތިއްބެވިއިރު ދެން އެންމެ މެންބަރުން ގިނައީ އިދިކޮޅު ޕީޕީއެމްގައެވެ. އެއީ 6 މެންބަރުންނެވެ. މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމަށްޓަކައި އެކަން ތަޢާވަލުކޮށްދިނުމަށް މައިނޯރިޓީ ލީޑަރު އެދިވަޑައިގެންފައިވާކަމަށެވެ. އެހެންކަމުން މިމަހުގެ 24 ވާ ހޯމަ ދުވަހުގެ ޖަލްސާގައި ރިޔާސީ ބަޔާނަށް ޖަވާބު ހުށައެޅުން ތަޢާވަލުކުރައްވާފައިވާކަމަށެވެ.

"އެއީ މައިނޯރިޓީ ލީޑަރުގެ ދުވަސް. އެބޭފުޅާ ދިވެހި ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނަށް ކިޔުއްވާނެ އެއްޗެއް ކިއުއްވަން މި މަޖިލިސް އަޅުގަނޑު ހުޅުވާލާނެ ދުވަސް. އެއްގޮތަކީ އެމްޑީޕީގެ 65 މެންބަރުންގެ ނަން އިއްވާފައި ބައިތިއްބާފައި އެ ބަޔާން އިއްވާނެ ގޮތެއް ހޯދުން. ނޫނިއްޔާ ހުރިހާ ފަރާތަކުން އަދި ބަޔާން އިއްވާ ފަރާތުންވެސް ވާދަވެރި ފަރާތްކަމަށް ވީނަމަވެސް އެބަޔާނަކީ ވަކި ތަޖުވީދަކަށް އޮންނަ ބަޔާނެއްގެ ގޮތުގައި އަޅުގަނޑު އުއްމީދުކުރާނަން." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކުރުމަށް ޕީޕީއެމްގެ އިތުރުން މަޖިލީހުގައި ދެން ތިބި އެހެން ޕާޓީތަކާއި އަދި އަމިއްލަ މެންބަރުންގެ ޚިޔާލުހޯދަން ބައްދަލުވުމެއް ބޭއްވެވިކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގެ 65 މެންބަރުންނާއި ޕީޕީއެމްގެ 6 މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ 5 މެންބަރުންނާއި ޕީއެންސީގެ 3 މެންބަރުންނާއި، މިނިވަން 3 މެންބަރުންނާއި ޑީއާރުޕީގެ 1 މެންބަރާކައި އެމްޑީއޭގެ 2 މެންބަރުންނެވެ.