ވިޔަފާރި

ކަލިނަރީ އޮލިމްޕިކްސްއިން ރާއްޖެއަށް ރަން މެޑެއްޔާއި ރިހި މެޑެއްޔެއް ލިބިއްޖެ


ޖަރުމަނުވިލާތުގައި ކުރިޔަށްދިޔަ ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވެ، ދެ މެޑަލް ހޯދައިފިއެވެ.

ދުނިޔޭގެ ކެއްކުމުގެ އެންމެ ބޮޑު އެއް މުބާރާތް، ކަލިނަރީ އޮލިމްޕިކްސްގައި މި އަހަރު ރާއްޖޭގެ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ދެ މެމްބަރުން ކަމަށްވާ ޖޫދީ ޚާލިދު އަދި އަބްދުލްރަޝީދު އަމިއްލަ ގޮތުން ބައިވެރިވެ، ވެޑިންގް ކޭކު ކެޓަގަރީން ވަނީ 2 މެޑަލް ހޯދާފައެވެ. މިގޮތުން މިކެޓަގަރީން ޝެފް ޖޫދީ ޚާލިދު ރަން މެޑަލް ހޯދާފައިވާއިރު، ޝެފް އަބްދުލްރަޝީދު ވަނީ ރިހި މެޑަލް ހޯއްދަވާފައެވެ.

މިމުބާރާތަކީ ޖަރުމަނުވިލާތުގައި ބާއްވާ ވޯލްޑް ޝެފްސް ވިލެޖުގެ ތެރެއިން ކުރިޔަށްގެންދިޔަ މުބާރާތެކެވެ. ވޯލްޑް ޝެފްސް ވިލެޖުގައި ޝެފް ގިލްޑް މޯލްޑިވްސްގެ ޓީމެއް ވަނީ ބައިވެރިވެ، ދިވެހި ކެއުމުގެ ރަހަތައް ދައްކާލާފައެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ބުނީ 2024 ވަނަ އަހަރުގެ ކަލިނަރީ އޮލިމްޕިކްސްއަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުން ރާއްޖޭގެ ގައުމީ ޝެފުންގެ ޓީމެއް ބައިވެރިކުރުމަށް އެ ޖަމުޢިއްޔާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ކަލިނަރީ އޮލިމްޕިކްސްއަކީ ކޮންމެ ހަތަރު އަހަރަކުން ބާއްވާ ހަރަކާތެކެވެ. ވޯލްޑް ޝެފްސް ވިލެޖު އާއި ކަލިނަރީ އޮލިމްޕިކްސް ބާއްވަމުންދާއިރު، 30 ވަނަ އިންޓާގޭސްޓްރާ އިންޓަރނޭޝަނަލް ޓްރޭޑް ޝޯވވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.

ޖަރުމަނުވިލާތުގައި ކުރިޔަށްދިޔަ 25 ވަނަ ވޯލްޑް ޝެފް ވިލެޖް އަދި ކަލިނަރީ އޮލިމްޕިކްސްއަކީ ދުނިޔޭގެ ފެންވަރުގައި ކަލިނަރީ ދާއިރާއިން ބޭއްވޭ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ.

މިހަރަކާތުގައި 1400 އެގްޒިބިޓަރުންނާއި 2000 ޝެފުން ބައިވެރިވާއިރު، މިހަރަކާތައް ހަތް ދިހަ އަށްވުރެ ގިނަ ޤައުމުން އެއް ލައްކައަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާނެކަމަށް ލަފާކޮށްފައިވެއެވެ. ޖަރުމަނު ވިލާތުގެ ޝެފުންތަކެއް 1896 ވަނަ އަހަރު ބާއްވަން ފެށި ވޯލްޑް ޝެފްސް ވިލެޖު ހަރަކާތަކީ ޖަރުމަނުވިލާތުގެ ކެއުން ބުއިން ޕްރޮމޯޓްކޮށް، އެހެން ޤައުމުތަކުގެ ކެއުން ބުއިމުގެ އާދަކާދަތައް ދެނެގަނެ، އާންމުންނަށް އަންގައިދިނުމަށް ކުރިއަށް ގެންދަން ފެށި ހަރަކާތެކެވެ.