ވިޔަފާރި

މާފުށިވަރު މޯލްޑިވްސް މާޗުމަހު އަލުން ހުޅުވަނީ


ޔޫރަޕްގެ ޓުއަރ އޮޕަރޭޓަރެއްކަމަށްވާ "ޑާ ޓޫރިސްޓިކް"އިން މާފުށިވަރު މޯލްޑިވްސް ރިޒޯޓު އަލުން ހެދުމަށްފަހު އަންނަ މާޗުމަހުގެ ތެރޭގައި ހުޅުވަން ތައްޔާރުވެއްޖެ.

އދ. އަތޮޅުގައި އޮންނަ މިރިޒޯޓު ހުޅުވަނީ ޑާ ޓޫރިސްޓިކްގެ "އެލްޓީއައި" ބްރޭންޑުގެ ދަށުންނެވެ.

"އެލްޓީއައި މާފުށިވަރު މޯލްޑިވްސް"ގެ ނަމުގައި ހުޅުވާ މިރިޒޯޓުގައި 81 ކޮޓަރި ހުންނާނެއެވެ. މީގެ ތެރޭގައި ބީޗު ކޮޓަރިތަކާއި މޫދު ކޮޓަރިތައް ހިމެނެއެވެ. އަދި ރިޒޯޓުގައި އެކި ރަހަތަކަށް ހާއްސަ 7 ރެސްޓޯރަންޓާއި ބާ ހުންނާނެއެވެ. އަދި އިންފިނިޓީ ސުވިމިން ޕޫލަކާއި ސްޕާއެއްގެ އިތުރުން ޑައިވް އަދި މޫދު ކުޅިވަރުގެ ތަފާތު ހިދުމަތްތައް ފޯރުކޮށްދޭ ސެންޓަރެއްވެސް ހުންނާނެއެވެ.

މިއީ ޔޫރަޕުން ބޭރު ސަރަހައްދެއްގައި އެލްޓީއައި ބްރޭންޑުގެ ހޮޓަލެއް މިދިޔަ 16 އަހަރުގެ ތެރޭގައި ހުޅުވާ ފުރަތަމަ ފަހަރެވެ. މާފުށިވަރު ރިޒޯޓުގެ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ މި ރަށާ ކައިރީގައި އޮންނަ ކުޑަ ފިނޮޅެކެވެ. މިއީ ވެލާނަ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީޕްލޭނުން 20 މިނެޓުގައި ދެވޭ ހިސާބުގައި އޮންނަ ރިޒޯޓެކެވެ. މާފުށިވަރު ރިޒޯޓަކީ ކުރިން ޔުނިވާސަލް ރިސޯޓްސް އިން ހިންގި ރިޒޯޓެކެވެ.