ޚަބަރު

ފަރުކޮޅުފުށީގައި ޤާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ޗައިނާއިން ފާޚާނާ ބަރިއެއް ހަދިޔާކޮށްފި


ކޮރޯނާ ވައިރަހާ ގުޅިގެން ކަރަންޓީން ކުރުމަށްޓަކައި ފަރުކޮޅުފުށީގައި ޤާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ޗައިނާއިން ފާޚަނާ ބަރިއެއް ހަދިޔާކޮށްފިއެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީމެކް) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަރުކޮޅުފުށި ހިމެނޭ ސަރަހައްދުގައި ޤާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި ހެދި ފާޚާނާ ބަރި ނިންމައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މިހާރު ވަނީ ހަވާލުކޮށްފައެވެ.

މި ތަން ހަވާލުކޮށްދެއްވީ ސީމެކްގެ ފަރާތުން އެކުންފުނީގެ ރާއްޖެ އޮފީހުގެ އެންމެ އިސްވެރިޔާ ލިއު ޝިއާއޯޑާއެވެ. އެޗްޑީސީގެ ފަރާތުން މިތަނާ ހަވާލުވެވަޑައިގެންނެވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުހައިލް ވިދާޅުވީ ސީމެކުން ރާއްޖޭގައި އޮޕަރޭޓްކުރަން ފެށިފަހުން ރާއްޖެއަށް އެކި ގޮތްގޮތުން ފައިދާހުރި މަޝްރޫޢުތައް ހިންގާފައިވާކަމަށެވެ. ޚާއްސަކޮށް ހުޅުމާލޭގައި އެކުންފުނިން ހިންގާފައިވާ ހައުސިންގ ޕްރޮޖެކްޓްތައް އޭނާ ފާހަގަކުރެއްވިއެވެ.

ސީމެކްގެ ފަރާތުން ވާހަކަ ދައްކަވަމުން ލިއު ޝިއާއޯޑާ ވިދާޅުވީ ކޮރޯނާވައިރަސްގެ ސަބަބުން ކުރިމަތިވެފައިވާ މިހާލަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށެވެ. އެގޮތުން ދިވެހި ރައްޔިތުންގެ ފަރާތުން ޗައިނާއަށް 1 މިލިއަން މަސްދަޅު ހަދިޔާކުރަން ނިންމިކަން އޭނާ ފާހަގަކުރެއްވިއެވެ.

އައިސޮލޭޝަން ފެސިލިޓީގައި ޤާއިމްކުރި ފާޚާނާތަކުގެ އިތުރުން މި ރަސްމިއްޔާތުގައި ސީމެކުން ވަނީ ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ބޭނުންވާނެ ބައެއް ސާމާނުވެސް ހަދިޔާކޮށްފައެވެ. އެގޮތުން މެޑިކަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓާއި ޑިސްއިންފެކްޓެންޓް ފަދަ ތަކެތި މިރަސްމިއްޔާތުގައި ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.

ކޮރޯނާ ވައިރަސް ނެތްކަން ކަށަވަރުކުރުމަށް ތިން ދިވެހިން ފަރުކޮޅުފުށީގައި ކަރަންޓީން ކުރިއެވެ. އަދި ކޮރޯނާ ވައިރަސް ނެތްކަން ކަށަވަރުކުރުމަށްފަހު، ރާއްޖޭގައި ކަރަންޓީންކުރި 2 ދިވެހިންގެ ކަރަންޓީން މުއްދަތު ހަމަވެގެން ވަނީ ދޫކޮށްލާފައެވެ.