ޚަބަރު

މާލޭގެ މަގުތައް އަލުން ޑިޒައިން ކުރަނީ


މާލޭގެ މަގުތައް އަލުން ޑިޒައިންކޮށް ކޮންސަލްޓެންސީ ހެދުމަށް ބަޔަކު ކަނޑައަޅާފައިވާ ކަމަށާއި ވަރަށް އަވަހަށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ.މާލޭގެ މަގުތައް ރަނގަޅުފެންވަރަކަށް ހެދުމުގެ މަސައްކަތަކީ މީގެ 31 އަހަރު ކުރިން ސަރުކާރުން ފެއްޓެވި މަސައްކަތެކެވެ. އޭގެފަހުން ޑެންމާކު ސަރުކާރުގެ އެހީގެ ދަށުން ޕައިލެޓް ޕްރޮޖެކްޓެއްގެގޮތުގައި، ގާއަޅައިގެން ރަނގަޅު ފެންވަރަކަށް މަގުތައް ހަދަންފަށާ, މުޅި މާލޭގެ މަގުތައް ހަދާ ނިންމާލާފައިވަނީ 2002 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައެވެ.ފާއިތުވީ ދުވަސްތަކުގެ ތެރޭގައި މާލޭގެ އާބާދީއާއި ދުއްވާ އެއްޗެހީގެ އަދަދު އިތުރުވެ، އިމާރާތްކުރުން ފަދަ ބޭނުންތަކަށް މަގުތައް ކޮންނަންޖެހުން އިތުރުވެގެން ދިއުމުގެ ނަތީޖާއަކަށްވެގެންދިޔައީ، އަލުން މާލޭގެ މަގުތައް ޕްލޭންކޮށް މަރާމާތު ކުރަންޖެހުމެވެ.މާލޭގެ މަގުތައް އަލުން ޑިޒައިންކޮށް ކޮންސަލްޓެންސީ ހެދުމަށް ހައުސިން މިނިސްޓްރީން މިހާރުދަނީ ތައްޔާރުވަމުނެވެ. ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ގޮތުން މަގުތަކުގެ ޑިޒައިނިންގއާއި ކޮންސަލްޓެންސީ މަސައްކަތް ޙަވާލުކުރެވޭ ފަރާތުގެ ޒިންމާއަކަށްވާނީ މާލޭގެ މަގުތަކަށް ދުރުރާސްތާ ޙައްލެއް ހޯދައިދިނުން ކަމަށެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލޭގެ މަގުތައް އަލުން ޑިޒައިންކޮށް ހަދާއިރު، ބައެއް މަގުތަކުގައި ތާރު އަޅަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.''މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ޑިޒައިން ހެދުމާއި ކޮންސަލްޓެންސީ ހެދުމަށްޓަކައި ބިޑިންގ ސްޓޭޖް ނިމި، ބަޔަކަު ވަނީ ހޮވާފައި. ވަރަށް އަވަހަށް އެފަރާތާއެކު ސޮއިކުރާނަން، އޭރުން ދުރުރާސްތާއަށް ޙައްލެއް ހޯދޭނެ'' މިނިސްޓަރ ވިދާޅުވިއެވެ.މަގުތަކުގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ދެފިޔަވައްސަކަށް ބަހާލައިގެން ހައުސިންގ މިނިސްޓްރީންވަނީ އެމްޑަބްލިޔުއެސްއީއާ ޙަވާލުކުރައްވާފައެވެ. މިމަޝްރޫޢު ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށްވެސް ހައުސިންގ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މި މަޝްރޫޢު ނިމުމުން މަގުތަކުގައި ފެން ބޮޑުވެ މީހުންނަށް ކުރިމަތިވާ ދަތި އުނދަގޫތަކަށް ބޮޑު ޙައްލެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.14 މިލިއަން ރުފިޔާއަށް އެމްޑަބްލިޔުއެސްއީއާ ޙަވާލުކޮށްފައިވާ މަގުތަކުގެ ފެން ހިންދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، އެންމެ ބޮޑަށް ފެން ބޮޑުވާ 5 ސަރަޙައްދެއްގައި ޕަންޕްތަކެއް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. މަގުތަކުގައި ފެންހިންދުމުގެ މައްސަލަ ޙައްލުކުރުމަށް އެމްޑަބްލިޔުއެސްސީއިން މީގެ ކުރިންވެސް މަސައްކަތްތަކެއްކޮށް ކޮންމެވެސް ވަރެއްގެ ޙައްލުތަކެއް ވަނީ ހޯދިފައެވެ.މީގެ އިތުރުން މާލޭގެ މަގުތައް ލެވެލްކޮށް ގާ އެތުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމަށާއި މަގުތަކުގައި ހަލާކުވެފައި ހުރި ކާނުތައް ރަނގަޅުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި. އަދި ކާނުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ހިނގާމީހުންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ."މި މަޝްރޫޢު ކުރިޔަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިމޭނެ. އެއްކޮށް ފެންގަނޑު ހެދި ފެން ބޮޑުވެގެން އުޅޭކަށް ނުޖެހޭނެ'' މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.މީގެ އިތުރުން މާލެ–ހުޅުލެ ބްރިޖްގެ މަސައްކަތް ފެށުމާއެކު، އެސަރަޙައްދުގެ ބައެއް މަގުތައް ފުޅާކޮށް ޕޭވްމަންޓް ބޮޑުކުރެވޭނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ނިންމަވާފައިވާ ކަމަށްވެސް ހައުސިންގ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.