ޚަބަރު

ހުޅުމާލެ ޖަލާއި މާލެ ޖަލުގައި އެކަހެރި ބައްދަލުވުމުގެ ފުރުޞަތު ދެވޭނެގޮތް ހަމަޖައްސައިފި


ހުޅުމާލެ ޖަލާއި މާލެ ޖަލުގައި ތިބި ޤައިދީންނާއި ބަންދުމީހުންނަށް އެކަހެރި ބައްދަލުވުމުގެ ފުރުޞަތު ދެވޭނެގޮތް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހަމަޖައްސަވައިފިއެވެ.

ހުޅުމާލެ ޖަލުގައި އެކަހެރި ބައްދަލުވުމަށް ޚާއްސަކޮށް އިމާރާތްކުރި ތަން ހުޅުއްވާދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. މި ތަނުގެ ބޭނުމަކީ ހުޅުމާލެ ޖަލާއި މާލެ ޖަލުގައި ބަންދުކޮށްފައިވާ މީހުންގެ ތެރެއިން އެކަހެރި ބައްދަލުވުން ދޭންޖެހޭ ޤައިދީންނަށް މި ފުރުޞަތު ދިނުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.

އެކަހެރި ބައްދަލުވުން ދިނުމުގައި ޢަމަލުކުރެވޭނީ ކަރަކްޝަންގައިތިބޭ ޤައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި ޢިނާޔާތްތަކާބެހޭ ޤަވާއިދާއި އެ ޤަވާއިދަށް އިސްލާހު ގެނައުމުގެ ޤަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތަށެވެ. މިގޮތުން އެކަހެރި ބައްދަލުވުން ދެވޭނީ މަހަކު 2 ފަހަރު، ކޮންމެ ފަހަރަކު ސައުވީސް ގަޑިއިރަށްކަމުގައި ކަރެކްޝަންސްއިން ވިދާޅުވެއެވެ.

އެކަހެރި ބައްދަލުވުމަށް އެދި ފޯމް ހުށަހަޅާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ފެށިގެން މެންދުރު 2:30 އާ ދެމެދު މާލޭ ޖަލުގެ ރިސެޕްޝަނަށެވެ. އެކަހެރި ބައްދަލުވުން ދެވޭނީ ޝަރުޢީ ކައިވެންޏެއް ކޮށްފައިވާ ފަރާތްތަކަށެވެ.