ޚަބަރު

ޝަރުޢީ ނިޒާމް އިސްލާހްކުރަން މިއުޅެނީ އިޚްލާސްތެރި ނިޔަތުގައި، ނުފޫޒެއް ނުފޯރުވާނަން - ރައީސް


ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހް ކުރުމަށް ކުރައްވާ މަސައްކަތްޕުޅަކީ ވަރަށް އިޚްލާސްތެރި ނިޔަތުގައި ކުރައްވާ މަސައްކަތްޕުޅެއް ކަމަށާއި އެކަން ކުރައްވަނީ ޝަރުއީ ނިޒާމާމެދު ރައްޔިތުންގެ އިތުބާރާ ޔަގީންކަން ހޯދާދިނުމަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މިއަހަރަށް ޝަރުޢީ ނިޒާމްގެ މަސައްކަތް ފެށުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ ޝަރުޢީ ނިޒާމްގެ ތެރެއަށް އެމަނިކުފާނުގެ އެއްވެސް ނުފޫޒެއް ނުފޯރުއްވާނެ ކަމަށާއި ރައްޔިތުން ގެނައި ބަދަލާއެއްގޮތައް މަސައްކަތް ކުރައްވާނީ ޝަރުޢީ ނިޒާމް އިސްލާހް ކުރުމަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ ޙައްގުތައް ރައްކާތެރިކޮށްދޭ އެންމެ މުހިންމު ބަޔަކީ ފަނޑިޔާރުންކަމަށާއި ފަނޑިޔާރުންނަށް ދުސްތޫރީ ގިނަ އިނާޔަތްތަކެއް އޮންނަނީވެސް އެއްވެސް މީހެއްގެ މެދުގައި ތަފާތު ކުރުމެއް ނެތި އަދުލު އިންސާފު ގާއިމު ކުރުމަށް ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހް ކުރުމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކާ ޤާނޫނުތަކަށް އިސްލާހްތަކެއް ގެންނަން ޖެހޭކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޝަރުޢީ ދާއިރާއާ ގުޅޭ ޤާނޫނުތަކަށް އިސްލާހް ގެނައުމަށް ހުށައަޅުއްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަރުއީ ނިޒާމްގެ މަސައްކަތްތައް ހަރުދަނާކަމާއެކު ރަނގަޅަށް ކުރިއަށް ގެންދިއުމަށް އެހެން މުއައްސަސާތަކުގެ އެއްބާރުލުން ބޭނުންވާކަން ފާހަގަ ކުރައްވާ މައްސަލަތައް ތަޙްޤީގުކުރުން އަވަސް ކުރުމަށާއި ދައުވާ ކުރުން އަވަސް ކުރަން ޖެހޭ ކަން ފާހަގަކުރައްވާފައެވެ.