ސަރުކާރުން ހުށަހެޅިގޮތަށް އައު ސީޕްލޭން ޓާމިނަލްގެ ބައެއް، ޓީއެމްއޭއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރައްވައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ނިންމަވާފައިވަނީ އައު ސީޕްލޭން ޓާމިނަލުން ޖާގަ ދޫކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވާގޮތަށް އަކަ މީޓަރެއް 10.35 ޑޮލަރުގެ ރޭޓުން 6400 އަކަ މީޓަރު ދެ އަހަރު ދުވަހަށް ޓީއެމްއޭއަށް ދިނުމަށެވެ. މި ނިންމުން ނިންމާފައިވަނީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.
ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒު ވިދާޅުވީ ކޮމިޓީން މިކަން ނިންމުމުގައި އޮޓިޓަރޖެނެރަލް ފާހަގަކުރައްވާފައި ކަންތައްތަކަށާއި، ދައުލަތަށް އެންމެ ގެއްލުން ކުޑަވާނެގޮތަކަށް ރިޢާޔަތްކޮށްފައިވާނެކަމަށެވެ.
މާލިއްޔަތުކޮމިޓީގެ ރޭގެ ބައްދަވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އައު ޓާމިނަލުން ޓީއެމްއޭއަށް 31000 އަކަ މީޓަރު ދޫކުރަން ނިންމާފައިވަނީ ކުރީގެ ސަރުކާރުންކަމަށެވެ. އަދި އެ ނިންމުން ބަދަކުކުރީ މި ސަރުކާރުންކަމަށާއި އެގޮތަށް ނިންމާފައިވަނީ އެތަނުން ދައުލަތަށް ލިބޭނެ އެންމެ ރަގަޅު އާމްދަނީއެއް ހޯދުމަށްކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ޖާގަ ދޭނީ ސަރުކާރުން ނިންމި ގޮތަށް ކަމަށާއި އެކަން އެގޮތަށް އެމްއޭސީއެލްގެ ބޯޑުން ތަންފީޒު ނުކުރާ ނަމަ ބޯޑު ވެސް ބަދަލުކުރުމުގެ ފުރުޞަތު އޮތް ކަމަށް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން ހުށަހަޅާފައިވާ ގޮތް ޓީއެމްއޭއިން ޤަބޫލު ނުކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި ސަރުކާރުގެ ހުށައެޅުން އޮތް ގޮތުން ޓީއެމްއޭއަށް ގެއްލުން ނުވާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.