ޚަބަރު

ކޯވިޑް 19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނަން - ނަޝީދު


ކޯވިޑް 19 އާއި ދެކޮޅަށް ޗައިނާއިން ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ. މި ޔަޤީންކަން މަޖިލީހުގެ ރައީސް ދެއްވީ އެމަނިކުފާނުގެ އަރިހަށް ޗައިނާގެ ސަފީރު ޒޭންގް ލީ ޒޮންގް ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ދެ ބޭފުޅުން ވަނީ ޗައިނާއާއި ރާއްޖޭގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖެއަށް އެހީއަށް ބޭނުންވި ކޮންމެ ދަނޑިވަޅެއްގައިވެސް ޗައިނާ އެންމެ ކުރީ ސަފުގައި އޮތްކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުުމުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ، ކޯވިޑް 19 އާއި ދެކޮޅަށް ޗައިނާއިން ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޗައިނާއިން މިހާރު ކުރާ މަސައްކަތުން ކޯވިޑް 19 އާއި ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޗައިނާ ސަފީރު ކުރެއްވި ޓުވީޓް

މި ބައްދަލުވުމުގައި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒޭންގް ލީޒޮންގް ވަނީ ޗައިނާއިން ކޯވިޑް 19 އާ ދެކޮޅަށް ކުރާ މަސައްކަތްތައް މަޖިލީހުގެ ރައީސްއާ ހިއްސާކުރައްވާފައެވެ. އަދި ޗައިނާއަށް ކުރިމަތިވެފައިވާ މި ދަތި ވަގުތުގައި ރާއްޖެއިން ދޭ އެހީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޯވިޑް 19 އާއި ދެކޮޅަށް ޗައިނާއިން ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހި ރައްޔިތުންގެ ފަރާތުން އެއް މިލިޔަން މަސްދަޅު ޗައިނާއަށްވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން ދިވެހިން ތިބީ ޗައިނާ ރައްޔިތުންނާއެކުކަން ހާމަކުރުމަށް ދިވެހިންދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައިވެސް ޝުޢޫރު ފާޅުކުރަމުންނެވެ.