ޚަބަރު

އިއުތިރާފު އަނބުރާ ގެނަޔަސް އަދުހަމްގެ މައްޗަށް ކުށް ސާބިތުކުރެވޭނެ: ޝަމީމް


ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި ކަމަށް ބުނެ އަދުހަމް ކޯޓުގައިވީ އިއުތިރާފު އަނބުރާ ގެނައި ނަމަވެސް އެކުށް އޭނާގެ މައްޗަށް ސާބިތުކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވީ މަސްތުގެ ހާލުގައި ހުރެގެން ކަމަށް ބުނެ އަދުހަމް ވަނީ ޤާސިމް މަރާލީ އޭނާކަމަށްބުނެ ކުރިން ކޯޓުގައި ވީ އިއުތިރާފް އަނބުރާ ގެނެސްފައެވެ. އޭނާ މިހެން ބުނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވުމުން އަވަސް ނިޔާއެއްގެ ގޮތުގައި އެ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމައި ބޭއްވި އަޑުއެހުމުގައެވެ. އަދުހަމް ޝަރީއަތުގެ މަޖިލީހުގައި ފުރަތަމަ ކުށަށް އިއުތިރާފުވިއިރު އޭނާ ވަނީ ކުށަށް އިއުތިރާފުވުމާ ގުޅޭ އެއްބަސްވުމެއް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހާއެކު ހަދާފައެވެ. އެ އެއްބަސްވުން ހަދާފައިވަނީ އޭނާ ކުށަށް އިއުތިރާފުވެއްޖެނަމަ ކުށުގެ އަދަބު ކުޑަވާގޮތަށެވެ.

ނަމަވެސް ދައުވާއަށް އިންކާރުކޮށް އޭނާ ކުރިން ދެއްކި ވާހަކަތައް ބަދަލުކުރުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލް ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއުތިރާފު އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިއުމަކީ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލައިގައި ހެކި ހުށައަޅައިގެން އަދުހަމްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލާދީ ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުކުރެވޭނެ ކަމަށެވެ.

ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ ދަށުން ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުން އަދުހަމް އާއެކު ޕީޖީ އޮފީހުން ހެދީ ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރަން ޖެހޭ ހާލަތުގައި 17 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމެއް ކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައިވެސް ޤާސިމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ވެއްޖެނަމަ އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާނެކަމަށްވެސް އެ އެއްބަސްވުމުގައި ވެއެވެ.