ޚަބަރު

ކަރަންޓް ބޭނުންކުރާވަރު އިތުރުވާނަމަ ކަރަންޓް ކެނޑިދާނެ- ސްޓެލްކޯ


މާލެއަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ޖަނަރޭޓަރަކަށް ދިމާވި ބޮޑު މައްސަލަ އަކާއި ގުޅިގެން ކަރަންޓް ބޭނުންކުރެވޭ ނިސްބަތް އިތުރުވަމުންދާނަމަ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަން ޖެހިދާނެކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.އެކުންފުނިން މައުލޫމާތުދިންގޮތުގައި، މާލެއަށް ކަރަންޓް ފޯރުކޮށްދެމުންދާ 8 މެގަވޯޓްގެ 2 ޖަނަރޭޓަރުގެ ތެރެއިން އެއްޖަނަރޭޓަރު ރޭ ދަންވަރު ފެއިލްވެފައިވުމާއިއެކު، އެޖަނަރޭޓަރު މަރާމާތުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. ނަމަވެސް ބޭނުންވާ ބައެއް ބައިތައް ރާއްޖެއިން ބޭރުން ގެންނަންޖެހޭތީ އެކަމަށް 2 ހަފްތާގެ މުއްދަތު ނަގާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.ޕީ.އެސް.އެމް އަށް މައުލޫމާތުދެއްވަމުން ސްޓެލްކޯގެ ސީނިއަރ އިންޖިނިއަރ އިބްރާހިމް ރައޫފް ވިދާޅުވީ، ރޭ ދަންވަރު ޖަނަރޭޓަރު ފެއިލްވި ނަމަވެސް މިވަގުތާހަމައަށް މާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓް ކަނޑާލާފައި ނުވާކަމަށެވެ. ނަމަވެސް މި ދަނޑިވަޅުގައި  ގިނައިން ކަރަންޓް ބޭނުންވާ ޒާތުގެ ތަކެތި ވީހާވެސް މަދުން ބޭނުންކުރުން މުހިންމުކަމަށް ރައޫފު ވިދާޅުވިއެވެ. އަދި ކަރަންޓް ލޯޑް ބޮޑުވެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަން ޖެހުނުނަމަވެސް ވީހާވެސް ކުޑަވަގުތުކޮޅެއްގައި އެތަނަކަށް އަލުން ކަރަންޓް ފޯރުކޮށްދެވޭތޯ މަސައްކަތްކުރައްވާނެކަމަށްވެސް ރައޫފު ވިދާޅުވިއެވެ."އެވަރެޖްކޮށް އެންމެ ގިނަވިއަސް ސަރަހައްދަކުން ކަރަންޓް ކެނޑިގެންދާނީ ގަޑިއެއްހާއިރު. ދެން އެއް ގަޑިއިރުތެރޭ އަޅުގަނޑުމެން ބަލާނަން އެސަރަހައްދަކަށް ކަރަންޓް ދެވޭތޯ. މިވަގުތު ވަރަށްބޮޑަށް އަޅުގަނޑުމެން އެދެނީ ހުރިހާ ކަސްޓަމަރުންވެސް ޚާއްސަކޮށް މިދުވަސްވަރު ހެވީ ލޯޑާއި ވީވަރަކުން ކަރަންޓް ބޭނުންކުރާ ނިސްބަތް މަދުކުރާށޭ." ރައޫފް ވިދާޅުވިއެވެ.ރައޫފް ވިދާޅުވީ، ވޯކްޝޮޕް ފަދަތަންތަނުން ކަރަންޓް ބޭނުންކުރާ ނިސްބަތް މަދުކުރެވިއްޖެނަމަވެސް ކަރަންޓް ކަނޑާލަންޖެހޭ ނިސްބަތް މަދުވެގެންދާނެކަމަށެވެ.މީގެ އިތުރުން ރައޫފް ވިދާޅުވީ، ރޭ މައްސަލަ ދިމާވި ޖަނަރޭޓަރަކީ 2012 ވަނަ އަހަރު އިންސްޓޯލްކޮށްގެން ބޭނުންކުރަމުންދާ ބީ.އެމް.ޑަބްލިއު މޮޑެލްގެ ޖަނަރޭޓަރެއްކަމަށާއި މީގެ ކުރިންވެސް ބައެއްކަހަލަ މައްސަލަތަކެއް އެ ޖަނަރޭޓަރަށް ދިމާވެފައިވާކަމަށެވެ. އަދި މަލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑެންމެދުވެރިވަނީ ބައެއް ޖަނަރޭޓަރުތަށް ކުއްލިއަކަށް ނިވޭތީކަން ރައޫފް ފާހަގަކުރެއްވިއެވެ.މުޅި މާލެއަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށް މިވަގުރު 22 ޖަނަރޭޓަރު ސްޓެލްކޯއިން ބޭނުންކުރަމުންދާއިރު، ރޭ ފެއިލްވި ޖަނަރޭޓަރުގެ އިތުރުން އެއް މެގަވޯޓްގެ 2 ޖަނަރޭޓަރެއް، އޯވަރހޯލް ކުރުމުގެ މަސައްކަތަށް ނިއްވާލާފައިވާކަމަށާއި، ކުރިއަށްއޮތް ދެދުވަސްތެރޭގައި އެ ދެ ޖަނަރޭޓަރު ހިންގެން ފެށޭނެކަމަށްވެސް ސްޓެލްކޯއިން މައުލޫމާތުދެއެވެ.