ރާއްޖޭގެ ރަށްރަށުގެ ބިންހިއްކުމުގެ ބަދަލުގައި، ލޮނުގަނޑުމަތީގައި ގެދޮރު އަޅައި ދިރިއުޅޭ ބަޔަކަށް ވުމުގެ ވިސްނުން ގެންގުޅެން އެބަޖެހޭކަމުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ، ތ ވޭމަންޑޫ އާއ ކިނބިދޫ ގުޅުވައިދޭ ކޯޒުވޭގެ މަސައްކަތް ފެށޭނެ ދުވަހަކާއި ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީޙުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބުދުﷲ ރިޔާޒު މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ، ވޭމަންޑޫ އާއި ކިނބިދޫގެ ކޯޒުވޭ ހެދުމަށް މިހާރު ހަދާފައިވާ ޑިޒަން ޤަބޫލު ނުކުރެއްވީތީ ޑިޒަން ބަދަލު ކުރުމަށް ބޭނުންވާ ކަމަށެވެ. އަދި އެދެރަށް ދެމެދުގައި އަޅާ ކޯޒުވޭ ހަދަނީ، ތަނބު ޖަހައިގެން ކަމަށްވާނަމަ، އެމަޝްރޫއަށް 700 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
މީގެ އިތުރުން އެދިގު ފަރުގެ މައްޗަށް ވެލި އަޅައިގެން މަގެއް ހެދުމަކީވެސް ތިމާވެއްޓަށްވެސް ގެއްލުން ބޮޑު ކަމެއް ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން މިރާއްޖޭގެ ތަބީއަތާއިއެއްގޮތަށް ޖަޒީރާވަންތަ ސިފައިގައި ތަރައްޤީ ކުރެވެން ޖެހޭ ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، މި ރާއްޖެއަކީ ޖަޒީރާ ރާއްޖެއަަކަށް ވެފައި، އަޅުގަނޑުމެންނަކީ، އޯޝަނިކް، ނޫނީ އޮންވޯޓާ ލިވިންގައި އުޅޭ ބަޔަކަށްވާން އަޅުގަނޑުމެން އެބަ ވިސްނުން ގެންގުޅެން ޖެހޭ " މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ، ކިނބިދޫގެ ކޯޒުވޭ އެޅުމުގެ ބަދަލުގައި ފަޅުތެރޭގައި ބައްތިޖަހައި، ވޯޓާވޭއެއް ހަދައި، އަދި އެތަނުގައި ބޭނުން ކުރެވޭނެ އުޅަނދުތަކެއް ތަޢާރަފް ކުރުމަކީ، ރާއްޖޭގެ ވެއްޓާއި މާބޮޑަށްވެސް ގުޅޭނެ އަދި ޚަރަދު ކުޑަ ގޮތަކަށް ވަނެކަމަށެވެ.
ރާއްޖޭގެ ދެކުނުގެ ރަށްރަށަކީ ބޮޑެތި ތިލަފަޅު އޮތްރަށްތަށް ކަމުގައި ވުމުން، ސަރުކާރުން ފަޅުތެރޭގައި މަގުތައް ހަދައި އަސާސީ ޚިދުމަތްތައް ލިބޭނޭ ގޮތްތައް ހަދައިދީ، އާއްމުންނަށް ފަޅު ތެރޭގައި ގެދޮރުއަޅައިގެން އުޅެވޭނެ ގޮތަށް ކަންކަން ބައްޓަން ކުރަންޖެހޭ ކަމަށް ވިދާޅުވެ މިނިސްޓަރ އަސްލަމް އެޚިޔާލު މަޖިލީހުގެ މެމްބަރުންނާއި ހިއްސާކުރެއްވިއެވެ.
މިނިސްޓަރ އަސްލަމް ހުށައެޅުއްވި މިޚިޔާލު އިތުރަށް ތަފްސީލްކޮށްދެއްވުމަށްވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިނިސްޓަރ އަސްލަމްގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
ރާއްޖޭގެ ރަށްރަށުގައި ހިންގޭ ބިން ހިންކުމާއި ބަނދަރުހެދުންފަދަ އުމުރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން، ރަށްރަށުގެ ވެއްޓަށާއި ފަރުތަކަށް ބޮޑެތި ގެއްލުންތައް އަންނަނީ ލިބެމުންނެެވެ،