ޚަބަރު

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާނީ ކޮންބޭފުޅެއް؟


މިއަހަރުގެ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ރައީސްކަމުގެ މަޤާމަށް ވާދަކުރަން ޤަޞްދުކުރާ ކެނޑިޑޭޓުންދަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަކުރަމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ދެވަނަ ރިޔާސީ ދައުރަކަށް ކުރިމަތިލައްވާނެކަމަށް މާކުރިން އިޢުލާނުކުރައްވާފައެވެ.

އެމެރިކާގެ ޤާނޫނުއަސާސީގައި އޮންނަގޮތުގައި ރައީސްކަމުގެ މަޤާމަށް ކުރިމަތިލާ ކޮންމެ މީހެއްގެ ކިބައިގައި މައިގަނޑު ތިން ޝަރުތެއް ފުރިހަމަވާންޖެހެއެވެ. އެމީހަކީ އުމުރުން 25 އަހަރުވެފައިވާ މީހަކަށްވުމުގެ އިތުރުން އެމެރިކާއަށް އުފަންވެފައިވާ ނުވަތަ މެދުނުކެނި 14 އަހަރު އެމެރިކާގައި ދިރިއުޅެފައިވާ މީހަކަށް ވާންޖެހެއެވެ. ރައީސްކަމުގެ މަޤާމަށް ވާދަކުރަން ނުކުންނަ ކެނޑިޑޭޓުން މައިގަނޑު ގޮތެއްގައި ނުކުންނަކީ ދެ ޕާޓީއަކުންނެވެ. އެއީ މިހާރު ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއާއި މިހާރުގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއެވެ.


ޕާޓީގެ ރުހުން ލިބުމުން ކޮންމެ ކެނޑިޑޭޓަކަށްވެސް ދެން އޮންނާނީ އެމެރިކާގެ ކޮންމެ ސްޓޭޓެއްގައި ވަކިން ކެމްޕޭންކޮށްގެން ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރުންނެވެ. ރިޔާސީ ކެނޑިޑޭޓަށް ޓިކެޓު ދިނުމަށް ބާއްވާ ޕާޓީގެ މަހާސިންތާގައި ކެނޑިޑޭޓުން ތަމްޞީލުކުރާ މަންދޫބުންގެ ޢަދަދު ކަނޑައެޅިގެންދާނީ ޕްރައިމަރީ ނިމުމުންނެވެ. އަދި ޕާޓީގެ ރިޔާސީ ޓިކެޓް ލިބުމުން އޭނާގެ ނައިބަކަށް ހުންނާނެ މީހެއްގެ ނަން އިޢުލާނުކޮށް ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް މުޅި ޤައުމުގައި ކެމްޕޭން ފަށާނެއެވެ. ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމުމުން ކޮންމެ ކެނޑިޑޭޓަކަށް ވަކިވަކި ސްޓޭޓްތަކުން ލިބުނު ވޯޓުގެ ނިސްބަތުން އެސްޓޭޓެއްގެ އިލެކްޓޮރަލް ކޮލެޖް ވޯޓުގެ ޢަދަދު ކަނޑައެޅިގެންދާނެއެވެ. އެހެން ޤައުމުތަކާ ޚިލާފަށް އެމެރިކާގައި ރައީސްއަކު ހޮވަނީ ލިބޭ ވޯޓުގެ އަޣުލަބިއްޔަތަށް ބަލައިގެންނެއް ނޫނެވެ. ރައީސްކަމުގެ މަޤާމަށް ހޮވޭ މީހަކު ވާންޖެހޭނީ 538 އިލެކްޓޮރަލް ވޯޓުގެ ތެރެއިން މަދުވެގެން 270 ވޯޓު ކާމިޔާބުކުރައްވާ މީހަކަށެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގަންނަވާނެކަންވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ. އެމެރިކާގެ ވަރަށް ގިނަ ސްޓޭޓުތަކުގައި ރިޕަބްލިކަން ޕާޓީންވަނީ ޕްރައިމަރީ ނުބާއްވަން ނިންމާފައެވެ. ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ރޭހުގައި މިވަގުތު އެންމެ ކުރީގައި އުޅުއްވަނީ ބަރނީ ސެންޑަރސްއެވެ. ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރައީސް ޓްރަމްޕާ ވާދަކުރައްވާނެކަމަށް ގިނަ ބަޔަކު ހީކުރި ޖޯ ބައިޑަން އުޅުއްވަނީ ސެންޑާސްއަށްވުރެ ފަހަތުގައެވެ. އެޕާޓީގެ ފަރާތުން ރައީސް ޓްރަމްޕާ ވާދަކުރައްވާނެ ކެނޑިޑޭޓެއް އިޢުލާނުކުރާނީ އަންނަ ޖުލައި މަހު ބާއްވާ ޕާޓީގެ މަހާސިންތާއަށްފަހުއެވެ.

ސެންޑަރސް އިޢުލާނުކުރައްވާފައިވާ ސިޔާސަތުތަކުގެ ތެރެއިން އެމެރިކާގެ ރައްޔިތުންނަށް އެންމެ ކަމުދާ އަދި ބަލައިގަންނަން ފަސޭހަ އެއް ސިޔާސަތަކީ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާކޮށްދިނުމުގެ ސިޔާސަތެވެ. ބޭސްފަރުވާކުރުމަށާއި ދަރިވަރުންގެ ކިޔެވުމަށް މިހާތަނަށް ނަގާފައިހުރި ލޯނުތައް މާފުކޮށްދިނުމާއެކު މަތީ ތަޢުލީމު ހިލޭ ލިބޭނެގޮތް ހައްދަވާދެއްވާނެކަމަށް ސެންޑަރސްވަނީ ވިދާޅުވެފައެވެ. ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރަން އަޅުއްވާނެކަމަށް ވިދާޅުވި ފިޔަވަޅުތަކަށްވެސް ރައްޔިތުންގެ މެދުގައި މަޤުބޫލުކަން ލިބިފައިވެއެވެ.