ވިޔަފާރި

ސީޕްލޭން ޓަރމިނަލުން ޓީއެމްއޭއަށް ޖާގަ ދިނުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމާފައެއްނުވާނެ - އެމްއޭސީއެލް


އައު ސީޕްލޭން ޓާމިނަލުން، ޓްރާންސް މޯލްޑިވްސް އެއަރވޭސް (ޓީއެމްއޭ)އަށް ޖާގަ ދޭނެ މިންވަރާއި މުއްދަތާ މެދު ބޯޑުގައި މަޝްވަރާކޮށް ގޮތެއް ނިންމާފައިނުވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކޮށްފިއެވެ.

އައު ސީޕްލޭން ޓާމިނަލުން، ޓްރާންސް މޯލްޑިވްސް އެއަރވޭސް (ޓީއެމްއޭ)އަށް ޖާގަ ދޭނެ މިންވަރާއި މުއްދަތާ މެދު ބޯޑުގައި މަޝްވަރާކޮށް ގޮތެއް ނިންމާފައިނުވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އެމްއޭސީއެމްގެ ބޯޑު މެމްބަރ އިބްރާހީމް މަޙްފޫޒް ވިދާޅުވީ ޓީއެމްއޭއަށް 31000 އަކަފޫޓުގެ ބިން 15 އަހަރަށް ކުއްޔަށް ދިނުމަށް އެމްއޭސީއެލްގެ ބޯޑު ބައްދަލުވުމެއްގައި މަޝްވަރާކޮށްފައިވެސް ނުވާކަމަށެވެ.

އެމްއޭސީއެލްއިން މިހެން ވިދާޅުވިޔަސް ޓީއެމްއޭއަށް 31000 އަކަފޫޓު ޖާގަ، 15 އަހަރުގެ މުއްދަތަށް ދޭން އެމްއޭސީއެކްގެ ބޯޑުގައި މަޝްވަރާކޮށްފައިވާކަމަށްބުނާ ސިޓީއެއް އެމްއޭސީއެލްގެ ލެޓަރ ހެޑްގައި ޓީއެމްއޭއަށް ވަނީ ލިބިފައެވެ. އަދި މިސިޓީތަކަކީ އެގްރިމެންޓެއްގެ ގޮތުގައި އެކުންފުނިން ނުދެކޭކަމަށްވެސް މަޙްފޫޒު ވިދާޅުވެފައިވެއެވެ.

"އެއްވެސް އިރެއްގައި 31000 އަކަފޫޓު، 15 އަހަރު ދުވަހުގެ މުއްދަތަކަށް ޓީއެމްއޭއަށް ދިނުމަށް ބޯޑުގައި މަޝްވަރާވެސް ކޮށްފައިނުވާނެ، އޭސީސީއިން މިމައްސަލަ ބަލަމުންދަނީ މައްސަލަ ނިމޭއިރު ކަން ހިނގާދިޔަ ގޮތް ސާފުވާނެ ކަމަށް އުއްމީދު ކުރަން." މަޙްފޫޒު ވިދާޅުވިއެވެ.

މަޙްފޫޒު ވިދާޅުވީ މުޅި ޓަރމިނަލް އެއް ބަޔަކަށް ދިނުމަށް އެއްވެސް އިރެއްގައި މަޝްވަރާވެސް ކޮށްފައިނުވާ ކަމަށާ، ސީ ޕްލޭން ޓަރމިނަލް އޮޕަރޭޓްކުރަން ކުންފުނިން ބޭނުންވަނީ މަލްޓި އޮޕަރޭޓަރުންނަށް ބޭނުންކުރެވޭގޮތަށްކަމަށް މަޙްފޫޒް ވިދާޅުވިއެވެ. އައު ސީޕްލޭން ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫއަކީ 55 މިލިއަން ޑޮލާރސްގެ އިންވެސްޓްމަންޓެކެވެ. އައު ސީ ޕްލޭން ޓަރމިނަލާ ގުޅޭގޮތުން މަންޓާއާވެސް މާލިއްޔަތު ކޮމިޓީންވަނީ ބައްދަލުކޮށްފައެވެ. މިބައްދަލުވުމުގައި މަންޓާގެ ސީއީއޯ މުޙައްމަދު ޚަލީލްވަނީ ސީޕްލޭން ޓާރމިނަލް ހިންގުން ވަކި ބަޔަކަށް ދީފިނަމަ ސީޕްލޭން ވިޔަފާރީގެ ވާދަވެރިކަމަށް ނޭދެވޭ އަސަރުކުރާނެ ކަން ފާހަގަކުރައްވާފައެވެ.

"މިފަދަ ކަމަކުން ސީޕްލޭން ޓަރނިމަލްގެ ފުލް ކޮންޓްރޯލް ވަކި ފަރާތަކަށް ނެގި ވާދަވެރި މާޙައުލެއްގައި ވިޔަފާރިކުރުމަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެ،" ޚަލީލް ވިދާޅުވިއެވެ.

ޓޫރިސްޓުން އުފުލުމުގައި އޮތް މޮނޮޕޮލީއަކީ ޓޫރިޒަމް އިންޑަސްޓްރީ ކުރިއަށް ދާންވާވަރަށް ކުރިއަށްނުދާ އެއް ސަބަބު ކަމަށްވެސް ޙަލީލް ވިދާޅުވިއެވެ. އައު ސީޕްލޭން ޓަރމިނަލްއަކީ މަލްޓި އޮޕަރޭޓަރުންނަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ތަނަކަށްވުމުން އައު ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ޖިނާޢީ ތަޙްޤީޤެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ ފަށާފައިއެވެ. އެމްއޭސީއެލްއިން ދުނިޔޭގެ ފެންވަރުގައި އެމްއާރްއޯ ފެސިލިޓީއެއް ޤާއިމުކޮށް، އަކަމީޓަރަކަށް 10.35 ޑޮލަރަށްވުރެ ބޮޑު ރޭޓުގައި ވަކިފަރާތަކަށް ދީފިނަމަ، އެމްއޭސީއެލްއަށް ލިބެން އޮތް ފައިދާއަށް އުނިކަމެއް އަންނާނެކަމަށް ތަޙްޤީޤަށް ފާހަގަކުރެވޭކަމަށް އޭސީސީން ވިދާޅުވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ އައު ސީޕްލޭން ޓަރމިނަލްގެ މައްސަލައާ ގުޅިގެން އޭސީސީން ވިދާޅުވެފައިވަނީ މިމައްސަލައިގައި ވަކި ސީޕްލޭން އޮޕަރޭޓަރަކަށް، ނުވަތަ ސީޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖާއިޒް ފައިދާ ހޯދާދިނުމަށް މަސައްކަތްކޮށްފައިވާކަމާއި، ދައުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެ ނޫންގޮތަކަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމަށެވެ.
މި މައްސަލައިގައި ޓްރާންސް މޯލްޑިވިއަން އެއަރވޭސް، ޓީއެމްއޭއަށް ސީޕްލޭން ޓަރމިނަލް ދިނުމަށް އެމްއޭސީއެލްއިން އެއްބަސްވެފައިވާކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ. އެގޮތުން 2014ވަނަ އަހަރުން ފެށިގެން އައު ޓާމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢުގައި އެމްއޭސީއެލްއާއެކު މަސައްކަތްކުރަމުން ދިޔަކަމަށެވެ.

މި މައްސަލައާއި ގުޅޭގޮތުން ޓީއެމްއޭއިން އެންމެ ފަހުން ބުނެފައިވަނީ އެކުންފުނިން ބޭނުންވަނީ ސީޕްލޭން ޓަރމިނަލްގެ ހިންގުން ކުރިންވެސް އެއްބަސްވެފައިވާގޮތަށް އެކުންފުންޏަށް ލިބުމަށްކަމަށެވެ. އަދި އެމްއޭސީއެލްއިން މުޅި ޓާމިނަލް ހިންގައިގެން ލިބޭނެކަމަށް ލަފާކުރާ ވަރަށްވުރެ ބޮޑު ފައިދާއެއް ޓީއެމްއޭއިން ނެރޭނެކަމަށްވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ.