ޚަބަރު

ޕީސީބީގެ މެމްބަރުންނަށް މަޖިލީހުން ރުހުން ދެއްވައިފި


ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑަށް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމެވި، 7 ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވާފައި 7 ބޭފުޅުންނަށް ރުހުން ލިބިފައިވަނީ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ރުހުން ހޯދަން ފޮނުވި ބޭފުޅުންނަށް މަޖިލީހުގެ މެމްބަރުން ވޯޓް ދެއްވާފައިވާގޮތް

  • ގދ. ތިނަދޫ، ކުދިމާގެ، ހަސަން ވަހީދު - 70 ވޯޓް
  • ގ. މެޒަރިން، އާސިމް މުހައްމަދު - 64 ވޯޓް
  • މ. ސެވޯއީ، އައިޝަތު ޝާޒްލީ - 60 ވޯޓް
  • ހ. އޮއިސިސްވިޔޫ، ރުޝާހާ އަހްމަދު ޝަރީފް - 64 ވޯޓް
  • މ. ހުދު ކަނީރުގެ، އަލީ ޝަފީއު - 62 ވޯޓް
  • ޅ. ހިންނަވަރު، ފަހަލަ، އަލްއުޘްތާޒު އަލީ ޝުޖާއު - 63 ވޯޓް
  • މ. ސަތާވަރީގެ، އަހްމަދު ޝަރީފް ޔޫސުފް - 65 ވޯޓް

ޕީސީބީގެ ބޯޑްގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ހަސަން ވަހީދު ބޯޑްގެ ރައީސްގެ މަޤާމަށް ފެންނަކަމަށް ރުހުން ދެއްވާފައިވަނީ 65 މެމްބަރުންނެވެ. ނައިބްރައީސްގެ މަޤާމަށް އައްޔަން ކުރެއްވުމަށް އާސިމް މުހައްމަދަށް މަޖިލީހުން ރުހުން ދެއްވާފައިވަނީ 65 މެމްބަރުންނެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީން މި 7 ބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތައި ގުޅޭގޮތުން އެސްއޯއީ ކޮމިޓީގެ ނައިބް މުޤައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާކޮށް އެފަރާތްތަކާއި ކޮމިޓީން އިންޓަރވިއުވެސް ކޮށްފައިވާނެކަމަށެވެ.

ޕީސީބީގެ ބޯޑު އަލުން އެކުލަވާލައި، ބޯޑުގެ ރައީސަކަށް ހަމަޖައްސާފައި ވަނީ ހަސަން ވަހީދެވެ. ނައިބަކަށް ހަމަޖެއްސީ އާސިމް މުޙައްމަދެވެ. ބޯޑްގައި ދެން ހިމެނިވަޑައިގަންވާ މެމްބަރުންނަކީ އައިޝަތު ޝާޒްލީ، ރުޝާހާ އަހްމަދު، އަލީ ޝަފީޒު، އަލީ ޝުޖާއު އަދި އަހްމަދު ޝަރީފް ޔޫސުފެވެ. މި 7 ބޭފުޅުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅެވެ.

ރައީސުލްޖުމްހޫރިއްޔާ ޕީސީބީގެ ބޯޑު އަލުން އެކުލަވާލާފައިވަނީ، އެބޯޑުގައި ތިއްބެވި މެންބަރުން ވަކިކޮށް، އެ ބޯޑަށް އަލުން މެންބަރުން އައްޔަންކުރައްވައި، މަޖިލީހުގެ ރުހުން ހޯއްދަވަން ފޮނުއްވެވުމަށް މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވާފައިވަނިކޮށެވެ.