ޚަބަރު

ބައިނަލްއަޤްވާމީ ޞުލްޙައިގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ސަރުކާރުގެ އެންމެއިސް ސިޔާސަތު - ރައީސް


ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައިގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ސަރުކާރުގެ އެންމެ އިސް ސިޔާސަތުކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޤައުމީ ދިފާއީ ބާރުން ކުރިއަށްގެންދާ ކޮމާންޑާސް ކޮންފަރެންސް 2020، ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ދިވެހިންގެ ލޯތްބާއި ޤަދަރުލިބިފައިވާ އިދާރާއަކަށް ވެފައިވާކަން ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ، ދިވެހިންނަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޓެރަރިޒަމްގެ ބިރާއި މިހާރު ކުރިމަތިލާން ޖެހިފައިވާއިރު، ބަލިމަޑުކަމާއި، މޫސުމީ ބަދަލުތަކުންކުރާ ނޭދެވޭ އަސަރު ރައީސް ފާހަގަކުރެއްވިއެވެ. މިފަދަ ކޮންމެ ޙާލަތެއްގައިވެސް ދިވެހިންގެ އައްޑަނައަކަށްވެ އެންމެ ކުރީސަފުގައި ޙަރަކާތްތެރިވަނީ ސިފައިންގެ ކުޅަދާނަ ފަހުލަވާނުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާވަނީ މި ޚިދުމަތަށްޓަކައި ސިފައިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ސަރުކާރުން ވެރިކަމާ ޙަވާލުވެ އެންމެ އިސްކަމެއް ދެއްވާފައިވަނީ ފުލުހުންގެ އިދާރާއަށް ވޭތުވެދިޔަ ތަނުގައި އަމާޒުވެފައިވާ ފާޑުކިޔުންތަކުން އަރައިގަނެ އެމްއެންޑީއެފަކީ ދިވެހިންގެ ލޯތްބާއި ޤަދަރުލިބިފައިވާ އިދާރާއަކަށް ހެދުންކަން ރައީސް ފާހަގަކުރެއްވިއެވެ. މިއިސްލާޙީ މަސައްކަތުގެ ދަށުން ކުރި މަސައްކަތް މިހާރު ކާމިޔާބުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދިވެހިންނަށް މިހާރު ގިނަ ގޮންޖެހުންތަކެއް އެބަހުރި. އެގޮތުން ޓެރަރިޒަމްގެ ބިރާ، މިހާރު ކުރިމަތިލާން ޖެހިފައިވާއިރު، ބަލިމަޑުކަމާއި، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ކުރޭ. މިފަދަ ކޮންމެ ޙާލަތެއްގައިވެސް ދިވެހިންގެ އައްޑަނައަކީ ޤައުމީ ދިފާއީ ބާރު. މިއަދު އެމްއެންޑީއެފްއަކީ ދިވެހިންގެ ލޯތްބާއި ޤަދަރުލިބިފައިވާ އިދާރާއެއް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުންކަމަށާއި، އެކަމުގައި ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައިގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުންކަމުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ބައިނަލްއަޤްވާމީ މަޝްރަހުގައި ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވަނީ އެކަމަށް ކުރިމަތިލުމަށް ބޭނުންވާ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް، ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުންދިވެހި ޢަސްކަރިއްޔާ އިތުރަށް ތަރައްޤީކުރުމަށްޓަކައި، ސިފައިންނަށް ބޭނުންވާނެ ފަންނީ އަދި ޢަސްކަރީ އާލާތްތަކާއި، ވަސީލަތްތަކާއި އުޅަނދުފަހަރު ހޯދުމަށް، ސަރުކާރުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމާންޑާސް ކޮންފަރެންސް 2020 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ ލާމަރުކަޒީ ނިޒާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސްޓޭޝަންވެފައިވާ ކޮމާންޑަރުންގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ދައުލަތް ހިންގުމުގެ އިދާރީ އޮނިގަނޑުގައި، މިހާރު އަންނަނީ ލާމަރުކަޒީ ކުލަތައް ޖެހެމުންކަމަށާ، މިމުހިންމު ބަދަލާއެކު، ކޮމާންޑަރުންގެ ވިސްނުންވެސް އެމިސްރާބަށް އަމާޒުކުރުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ލާމަރުކަޒީ ނިޒާމުން އަޅުގަނޑުމެން އެންމެނަށް ބޮޑެތި ފައިދާތަކެއް ކުރާނެ. ލާމަރުކަޒީ ނިޒާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސްޓޭޝަންވެފައިވާ ކޮމާންޑަރުންގެ ދައުރު މުހިންމު. ލާމަރުކަޒީ ނިޒާމުގެ ބަދަލުތަކާއިއެކު ދިފާއީ ބާރާއި ކައުންސިލްތަކުގެ ގުޅުން ބަދަހިވެ ރައްކާތެރިކަން އިތުރުވެގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ކޮމާންޑާސް ކޮންފަރެންސްއަކީ ދިވެހިރާއްޖޭގެ ދިފާޢީ ބާރުގެ މަސައްކަތްތައް ހަރުދަނަކޮށް، އިންތިޒާމީގޮތަކަށް އެމްއެންޑީއެފްގެ ޚިދުމަތްތައް ތަރުތީބުކޮށް އަވަސްކުރުމަށް ކުރިއަށްގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާގައި އެމްއެންޑީއެފްގެ ޔިންޓްތަކުގެ ކޮމާންޑަރުންނާއި އެއިދާރާގެ އެކި ކަންކޮޅުތަކުގައި ސްޓޭޝަންވެފައިވާ ކޮމާންޑަރުން ބައިވެރިވެއެވެ.