އެމްއާރްއައިގެ ޚިދުމަތް އަންނަ މާޗުމަހު ފެށުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ތައްޔާރުވެއްޖެއެވެ.
އައްޑޫގައި ފަށާ މިޚިދުމަތަކީ މާލެ ފިޔަވާ ރާއްޖޭގެ އެހެން ސަރަޙައްދަކުން މިޚިދުމަތްދޭ ފުރަތަމަ ފަހަރެވެ.
އައްޑޫގެ ގިނަބައެއްގެ އުއްމީދާ ގުޅިފައިވާ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެމްއާރުއައި ސްކޭންގެ ޚިދުމަތް ފެށުމުގެ ގޮތުން އެމްއާރްއައި ސްކޭން މެޝިނަރީތައް ހަރުކޮށް އެއަށް ބޭނުންވާ ވަޞީލަތްތައް ގުޅާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އައްޑޫގައިވެސް ބަހައްޓަނީ މާލޭގެ އައިޖީއެމްއެޗުގައި ބޭނުންކުރަމުން އަންނަ 1.5 ޓެސްލަރގެ ސްކޭނާރއެއްކަމަށެވެ. އަދި މަސައްކަތްކުރަމުން ދަނީ އަންނަ މަހުގެ ތެރޭގައި ޚިދުމަތް ފެށޭވަރުކުރުމަށްކަމަށް ތަސްލީމާ ވިދާޅުވިއެވެ.
އަދި މިހާރުކުރިއަށްދާ މެޝިނަރީޒްތައް ހަރުކޮށް އެއަށް ބޭނުންވާ އެހެނިހެން ވަޞީލަތްތައް ހަމަކުރުމަށް ދިހަ ވަރަކަށް ދުވަސް ހޭދަވާނެކަމަށް ލަފާކުރެވޭކަމަށް ތަސްލީމާ ވިދާޅުވިއެވެ. އެއަށްފަހު މިމެޝިނަރީޒްއަށް މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ތަސްލީމާ ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ އައްޑޫގައި ޤާއިމުކުރާ އެމްއާރުއައި މެޝިނަރީޒްއަކީ ދުނިޔޭގެ މަޝްހޫރު ޖެނެރަލް އިލެކްޓްރިކުން ގެނެސްފައިވާ މެޝިނަރީޒްތައް ކަމަށާއި އެއްބަސްވެފައިވާގޮތަށް މެޝިނަރީޒްގެ ވޮރެންޓީގެ މުއްދަތުގައި އެއަށް ދިމާވާ މައްސަލަތައް އެކުންފުނިން ބަލަމުންގެންދާނެކަމަށެވެ.
އައްޑޫގައި ބަޔޯމެޑިކަލް އިންޖިނިއަރުން ނުވަތަ ސިއްޙީ ދާއިރާގައި ބޭނުންކުރާ މެޑިކަލް މެޝިނަރީޒަށް ޚާއްސަ އިންޖިނިއަރުން ޙަރަކާތްތެރިވަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން ޖެނެރަލް އިލެކްޓްރިކާއި ގުޅިގެން އެމަސައްކަތްކުރާނީ އައްޑޫގައި ސްޓޭޝަން ވެފައިވާ ބަޔޮމެޑިކަލް އިންޖިނިއަރުންކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މިވަގުތު ރާއްޖޭގައި ބަޔޯމެޑިކަލް އިންޖިނިއަރުން ހަރަކާތްތެރިވަމުން އަންނަނީ މާލޭގެ އިތުރުން އައްޑޫއާއި ކުޅުދުއްފުށީގައެވެ.
އައްޑޫގައި މިވަގުތު ސީޓީ ސްކޭންގެ ޚިދުމަތްވެސް އަންނަނީ ދެމުންނެވެ.
އައްޑޫގެ ގިނަބަޔަކު އިންތިޒާރުކުރަމުން އައި ޓަރޝިއަރީ ހޮސްޕިޓަލުގެ ޚިދުމަތްތައް ހަރުދަނާކޮށް ފެންވަރު ރަނގަޅު ފަރުވާއެއް ދެވޭތަނަކަށް އެތަން ހެދުމަށް މިނިސްޓްރީ އޮފް ހެލްތާއި ގުޅިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ހޮސްޕިޓަލުގެ ޚިދުމަތް ރަސްމީކޮށް ދޭން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.