ވިޔަފާރި

އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަމަހުގެ 2 ވަނަ ދުވަހު


އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ އަންނަމަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރުނބާ މޯލްޑްވެސްގެ ކޮންވެންޝަން ހޯލްގައެވެ. އަހަރީ އާއްމު ޖަލްސާގައި ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ގޮތެއް ނިންމާނެއެވެ.

އާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، އިވެލުއޭޓްކުރުމަށްފަހު، ޑިރެކްޓަރުންގެ ބޯޑުން ފާސްކުރައްވާފައިވާ ފަރާތްތަކަށް ވޯޓަށް އެހުންވެސް އަހަރީ އާއްމު ޖަލްސާގައި އޮންނާނެއެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި މިމަހުގެ އެގާރަވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭނެއެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރައްވާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށްފަހު ހުށަހަޅަންޖެހޭނެކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.

އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެރިވާ ހިއްސާދާރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލަށް ވަޑައިގެން ރެޖިސްޓަރ ކުރަން ޖެހެއެވެ. އަދި ޖަލްސާ ފެށުމުގެ ކުރިން ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރި ނުވެވޭނެކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ މޯލްޑިވްސްއިން ޚިއްސާއަކަށް 3 ރުފިޔާ 30 ލާރި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ހުށަހަޅާފައެވެ. އަދި އަހަރީ އާއްމު ޖަލްސާގައި މިކަމާމެދު ގޮތެއް ނިންމާނެއެވެ.

އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުުނު އާމްދަނީ 2 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާއިރު ފައިދާގެ ގޮތުގައި އެކުންފުންޏަށް ވަނީ 598 މިލިއަން ރުފިޔާ ލިބިފައެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާއަކަށް 3 ރުފިޔާ 30 ލާރު ބެހުމަށް ނިންމާފައިވާއިރު، 2018 ވަނަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 3 ރުފިޔާ 22 ލާރިއެވެ. 2017 ވަނަ އަހަރު 3 ރުފިޔާ 20 ލާރި ބަހާފައިވާއިރު، 2016 ވަނަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 2 ރުފިޔާ 75 ލާރިއެވެ.

އުރީދޫ މޯލްޑިވްސްއަކީ 2005 ވަނަ އަހަރު ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަަތްދޭން ފެށި ކުންފުންޏެކެވެ. އެކުންފުނީގެ 9.5 އިންސައްތަ ޙިއްސާ އާއްމުން ދީފައިވާއިރު، ބާކީ 90.5 އިންސައްތަ ހިއްސާއަކީ ޤަތަރުގެ ވަތަނިއްޔާ އިންޓަނޭޝަނަލްގެ ޙިއްސާއެވެ.