ޚަބަރު

މަތީ ތަޢުލީމަށް ލިބޭ ފުރުޞަތަށްފަހު ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ


މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ނުހިފާ ދޫކޮށްލާ ފަރާތްތަކާއި ޚިދުމަތް ނުކުރާ ފަރާތްތައް ވަކި މުއްދަތަކަށް އެފަދަ ފުރުޞަތުތަކުން މަޙުރޫމުކުރުމާއި، ކޯހަށް ޚަރަދުވި ފައިސާ ދެއްކުމަށް އަންގާގޮތަށް އުޞޫލެއް އެކުލަވާލައިފިއެވެ.

މި އުޞޫލަކީ މަތީ ތަޢުލީމުގެ ފުރުސަތުތައް ލިބޭ ދަރިވަރުން އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް ބާރުއެޅުމުގެ ގޮތުންނާއި، އެފަދަ ފުރުސަތުތަކުގެ ބޭނުން ނުހިފި ދިއުމުން ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކޮށް ގިނަ ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ލިބުމުގެ މަގު ފަހިކޮށްދިނުމަށް އެކުލަވާލާފައިވާ އުޞޫލެކެވެ.

މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ލިބޭ ފުރުސަތުގައި އެއްވެސް ޚަރަދެއް ސަރުކާރުން ނުވަތަ ބައިލެޓްރަލް އެހީގެ ދަށުން ކޮށްފައިވާނަމަ އެ ޚަރަދެއް އަނބުރާ ދައްކަންވާނެކަމަށް މިއުސޫލުގައިވެއެވެ. އަދި އެފުރުސަތުގެ ބޭނުން ނުހިފާ ދޫކޮށްލާނަމަ ފިޔަވަޅު އެޅޭނެކަމަށް އެއުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

މިގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ކިޔަވައި ނިންމުމަށްފަހު އިޤްރާރުގައިވާ ގޮތަށް ޚިދުމަތް ކުރުމަށް ރާއްޖެއަށް ނައިސްފިނަމަ 2 އަހަރުގެ މުއްދަތަށް ފުލް ސްކޮލަރޝިޕެއް ނުވަތަ އެ މިންގަނޑުގެ އެހެން ފުރުސަތެއް ނުލިބޭގޮތަށް ހެދުމާއި، އަދި 1 އަހަރު ވަންދެން ޕާޝިއަލް ސްކޮލަރޝިޕެއް ނުވަތަ އެ މިންގަނޑުގެ އެހެން ފުރުސަތެއްވެސް ނުލިބޭ ގޮތަށް ހެދުން ހިމެނެއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އުޞޫލްގައި ވަނީ އަމިއްލަ ޚަރަދުގައި ކިޔެވުމަށް ޑިސްކައުންޓެޑް ރޭޓުގައި ލިބޭ ފުރުސަތެއް ނަމަ 6 މަސްދުވަހަށް އެފަދަ ފުރުސަތެއް ނުލިބޭނެކަމަށާއި އަދި ލޯނުގެ ފުރުސަތެއް ނަމަ 3 މަސް ދުވަހަށް އެފަދަ ފުރުސަތެއް ނުލިބޭނެކަމަށްވެސް އެ އުޞޫލްގައިވެއެވެ.

ސަރުކާރުން ނުވަތަ ސްކޮލަރޝިޕް ފޯރުކޮށްދޭ ފަރާތުން އެއްވެސް ޚަރަދެއްކޮށްފައިވަނިކޮށް މަޤްބޫލު އުޒުރަކާނުލައި ފުރުސަތު ދޫކޮށްލުން ނުވަތަ ދަރިވަރުގެ އިހުމާލުން ފުރުސަތު ގެއްލުން ނުވަތަ އުސޫލާ އެއްގޮތަށް އަމަލު ކުރަމުންނުދާނަމަ 2 އަހަރުގެ މުއްދަތަށް ފުލް ސްކޮލަރޝިޕެއް ނުވަތަ އެ މިންގަނޑުގެ އެހެން ފުރުސަތެއް ނުލިބޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ. އަދި 1 އަހަރު ވަންދެން ޕާޝިއަލް ސްކޮލަރޝިޕެއް ނުވަތަ އެ މިންގަނޑުގެ އެހެން ފުރުސަތެއްވެސް ނުލިބޭގޮތަށްވެސް ވަނީ ކަނޑައަޅާފައެވެ. އަމިއްލަ ޚަރަދުގައި ކިޔެވުމަށް ޑިސްކައުންޓެޑް ރޭޓުގައި ލިބޭ ފުރުސަތެއް ނަމަ 6 މަސްދުވަހަށް އެފަދަ ފުރުސަތެއް ނުލިބެއެވެ. އަދި ލޯނުގެ ފުރުސަތެއް ނަމަ 3 މަސް ދުވަހަށް އެފަދަ ފުރުސަތެއް ނުލިބެއެވެ

މަތީ ތައުލީމުގެ ފުރުސަތަށް ދަރިވަރެއްގެ ނަން ހޮވިއްޖެކަން އެ ދަރިވަރަށް އަންގާތާ 48 ގަޑިއިރު ފަހުން އަދި އެހެން ދަރިވަރެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު ގެއްލުނުފަހުން ދޫކޮށްލުން ނުވަތަ އެ ދަރިވަރެއްގެ އިހުމާލުން އެފުރުސަތު ގެއްލިއްޖެނަމަ 2 އަހަރުގެ މުއްދަތަށް ފުލް ސްކޮލަރޝިޕެއް ނުވަތަ އެ މިންގަނޑުގެ އެހެން ފުރުސަތެއް ނުލިބެއެވެ. އަދި 1 އަހަރު ވަންދެން ޕާޝިއަލް ސްކޮލަރޝިޕެއް ނުވަތަ އެ މިންގަނޑުގެ އެހެން ފުރުސަތެއްވެސް ނުލިބެއެވެ. އަމިއްލަ ޚަރަދުގައި ކިޔެވުމަށް ޑިސްކައުންޓެޑް ރޭޓުގައި ލިބޭ ފުރުސަތެއް ނަމަ 6 މަސްދުވަހަށް އެފަދަ ފުރުސަތެއް ނުލިބެއެވެ އަދި ލޯނުގެ ފުރުސަތެއް ނަމަ 3 މަސް ދުވަހަށް އެފަދަ ފުރުސަތެއް ނުލިބޭނެކަމަށް އެ މިނިސްޓްރީން އެކުލަވާލާފައިވާ އުޞޫލްގައި ބުނެފައިވެއެވެ.

އެހެންނަމަވެސް ސަރުކާރުން އެއްވެސް ޚަރަދެއް ކޮށްފައިވަނިކޮށް މަޤްބޫލު އުޒުރަކާ އެކު ލިޔުމުން ހުއްދަ ހޯދުމަށްފަހު ފުރުސަތު ދޫކޮށްލައިފިނަމަ އެއްވެސް އަދަބެއް ކަނޑަނާޅާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ދިމާވެފައިވާ ހާލަތަކީ މަޤުބޫލު އުޒުރެއް މެދުވެރިވެގެން ދިމާވި ހާލަތެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ އުޒުރު ސާބިތުކޮށްދިނުމަށް ދަރިވަރު ހުށަހަޅާ ކަމާ ގުޅޭ ލިޔުންތަކަށް ބިނާކޮށް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުންނެވެ.