ޚަބަރު

ކާބޯތަކެތި އެތެރެކުރުމުގެ މިންގަނޑަށް މިހާރަށްވުރެ ބޮޑަށް ސަމާލުވާންޖެހޭ


ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމުގެ މިންގަނޑުތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކުލަވާލާފައިވާ "ފުޑް އިމްޕޯޓްސް ސްކީމްގެ ދެލިކޮޕީއަށް" ކަމާބެހޭ ފަރާތްތަކާއި އަމިއްލަ ފަރާތްތަކާ މަޝްވަރާކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިއީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިންތިޒާމުކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.

"ފުޑް އިމްޕޯޓްސް ސްކީމްގެ ދެލިކޮޕީއަށް"ކަމާބެހޭ ފަރާތްތަކާއި އަމިއްލަ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ބެއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންވަނީ ޢާއްމު ސިއްޙަތުގެ އަހަރުގެގޮތުގައި މިއަހަރު ފާހަގަކުރާއިރު ރާއްޖެއަށް އެތެރެކުރާ ތަކެއްޗަކީ ރައްކާތެރި ތަކެތިކަން ކަށަވަރުކުރުމާއި ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަކީ މުހިއްމުކަމެއްކަން ފާހަގަ ކުރައްވާފައެވެ.

އަދި ސިއްޙަތާ ދޭތެރޭ ވިސްނާ ނުލާ ކާބޯތަކެތިން ނަފާ ހޯދުމުގެ ބޭނުމުގައި ވިޔަފާރިކުރާނަމަ ދެންހުރި ގެއްލުން މާބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތަކެތި އުފައްދާ ހިސާބުން އެތަކެތި ރައްޔިތުންނަށް ފޯރުކޮށްދޭ ހިސާބަށް އޭގެ ފެންވަރު ކަށަވަރުކުރަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ތަކެތި އުފެއްދުމުގައި ބޭނުންކޮށްފައިހުންނަ ކެމިކަލްގެ މަޢުލޫމާތު ސާފުވުމާއި ސިއްޙަތަށް ރަނގަޅު ކާނާތޯ ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން އަދިވެސް ކުރަންޖެހޭކަމަށެވެ.

"ދުނިޔޭގައި މިހާރު ޢާއްމުވަމުންދާ ގައިންގަޔަށް ނާރާ ބަލިތަށް އިތުރުވުމަށް މަގުފަހިވޭ ކާބޯތަކެއްޗަށް ދޭންޖެހޭ ސަމާލުކަން ކުޑަވުމުން. މި ސިޔާސަތު މި އެކުލަވާލަނީ ކުރިއަށް އޮތްތަނުގައި ރާއްޖެއަށް އެތެރެކުރެވޭ ކާބޯތަކެތީގެ ފެންވަރާއި އެތަކެއްތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް. މިވަގުތު މިކަންކަމަށް ވިސްނާ މަޝްވަރާކރުމަށްފަހު ކުރިއަށްއޮތްތަނުގައި ރާއްޖެއަކީ ފެންވަރު ކަށަވަރުކޮށް ކާބޯތަކެތި އެތެރެކުރާ ޤައުމަކަށް ހެދުމަށް. އަދި ރާއްޖޭގައި އުފައްދާ ކާބޯތަކެއްޗަކީވެސް ސިއްހަތަށް ރަނގަޅު ތަކެތިކަން ކަށަވަރުކުރަން" ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްއެފްޑީއޭ ހިންގުވުމަށް ޙަވާލުވެ ހުންނެވި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާޙް ޢަބްދުﷲ މާހިރު ވިދާޅުވީ ކާބޯތަކެތި ސްކްރީންކޮށް އެއީ ރަނަގޅު ފެންވަރުގެ ކާބޯތަކެތިކަން ކަށަވަރުކުރުމަކީ ވަރަށް ބޮޑުކަމެއްކަމަށެވެ. އެހެންކަމުން މިހާރުކުރާ މަސައްކަތަށްވުރެ ބޮޑަށް މިކަންކަން ދެނެގަތުމަށް މަސައްކަތް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"ކާބޯތަކެއްޗަށް އައި ބަދަލު،ޖެނަޓިކް އިންޖިނިއަރިން ،އެކި ފާޑުފާޑުގެ ހޯމޯން ބޭނުންކޮށްގެން ކާބޯތަކެތީގެ ބާވަތްތައް ހަދާއިރު، ޕެސްޓްސައިޑް ބޭނުންކުރުމާއި، ކެމިކަލް ބޭނުންކޮށްގެން ހަދާ ތަކެއްޗަށް އާއްމުން ހޭލުންތެރިވާން ޖެހޭ." ޑރ.ޝާޙް އަބްދުﷲ މާހިރު ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކުރާ ތަކެތީގެ ތެރެއިން %95އަކީ ކާބޯތަކެއްޗެވެ. ހެލްތު މިނިސްޓްރަރ މީގެ ކުރިން ވިދާޅުވެފައިވަނީ ކަބޯތަކެތީގެ ރައްކާތެރިކަން އިންސްޕެކްޓް ކުރަން ޖެހޭ މިންވަރަށް އަދި ނުކުރެވޭކަމަށާ، އެކަމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. ކާބޯތަކެތި އިންސްޕެކްޓް ކުރމުގައި އިންސާނީ ވަޞީލަތް ވަރަށްބޮޑަށް އިތުރުކޮށް ތަރައްޤީކުރަން ޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.