ޚަބަރު

މަނާ ގަޑީގައި ވެހިކަލް ދުއްވައިގެން 61 މީހަކަށް ފިޔަވަޅު އަޅައިފި


މިއަދު ހަވީރު މާލޭގައި ފައިމަގުގައި ހިނގާފައި އުޅެން ކަނޑައެޅި ވަގުތުތަކުގައި، އިންޖީނުލީ އުޅަނދު ދުއްވުމުގެ ސަބަބުން 61 މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.ފުލުހުން ބުނީ 121 މީހުންނަށް ނަސޭޙަތް ދީ، ޤަވާއިދާއި ޙިލާފަށް އިންޖީނުލީ އުޅަނދު ދުއްވި 38 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާނެކަމަށެވެ. ފިޔަވަޅު އެޅި މީހުންގެ ތެރޭގައި ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވި 7 މީހަކާއި، ލައިސަންސް އެއްގޮތަކަށްވެސް ނެތި ދުއްވި 15 މީހަކާއި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްނެތް 18 އަހަރުން ދަށުގެ ކުއްޖަކުވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.މިއަދު ފައިމަގުގައި އުޅޭ ގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަވީރު 4:00 އިން އިރު އޮއްސި 7:00 ޖެހުމާއި ހަމައަށެވެ. މި ވަގުތު ތަކުގައި ހަމައެކަނި މަގުމަތީގައި ދުއްވަން ހުއްދަ ދެވުނީ، ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކުގެ އުޅަނދާއި ޞިއްޙީ ބޭނުންތަކަށާއި އެނޫނަސް ޚާއްޞަ ހުއްދައެއްގެ ދަށުން ދުއްވުން ހުއްދަ ކުރި އުޅަނދުތަކަށް އެކަނިކަމަށް ފުލުހުން ބުނެއެވެ.