ވިޔަފާރި

މިއަހަރުގެ ޖެނުއަރީމަހު ފަތުރުވެރިކަމަށް 14.3 އިންސައްތަ ކުރިއެރުމެއް


މިދިޔަ އަހަރުގެ ޖެނުއަރީމަހާއި އަޅާބަލާއިރު، މިއަހަރުގެ ޖެނުއަރީމަހު ފަތުރުވެރިކަމަށް 14.3 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް 177140 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރޭގައި ވައިމަގުން ރާއްޖެއަށް ޒިޔާރަތްކުރި 173347 ފަތުރުވެރިންނާއި ކަނޑުމަގުން ރާއްޖެ ޒިޔާރަތްކުރި 3793 ފަތުރުވެރިން ހިމެނެއެވެ.

2019 ވަނަ އަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް ޒިޔާރަޔްކޮށްފައިވަނީ 154969 ފަތުރުވެރިންނެވެ. މީގެތެރޭގައި ހިމެނެނީ ވައިމަގުން ރާއްޖެއައި 151552 ފަތުރުވެރިންނާއި ކަނޑުމަގުން ރާއްޖެ ޒިޔާރަތްކުރި 3417 ފަތުރުވެރިންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ވައިގެމަގުން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޔޫރަޕްގެ ޤައުމުތަކުންނެވެ. އެއީ 94725 ފަތުރުވެރިންނެވެ. މިއީ އޭގެ ކުރީއަހަރާއި އަޅާބަލާއިރު 13.4 އިންސައްތައިގެ ކުރިއެރުމެކެވެ.

2 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އޭޝިއާ ފެސިފިކް ޤައުމުތަކުންނެވެ. އެއީ 61688 ފަތުރުވެރިންނެވެ. މިއީ އޭގެކުރީ އަހަރާއި އަޅާބަލާއިރު 11.9 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި އެމެރިކާ ސަރަހައްދުން 8078 ފަތުރުވެރިން މެދުއިރުމަތީގެ ސަރަހައްދުން 7297 ފަތުރުވެރިން އެފްރިކާ ސަރަހައްދުން 1536 ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.