ޚަބަރު

ސޫރިޔާގެ މަައްސަލައިގައި ތުރުކީވިލާތުން އަމަލުކުރަނީ އެއްބަސްވުމާއި އެއްގޮތަށްކަމަށް ބުނެފި


ސޫރިޔާގައި ހަނގުރާމަކުރުން މަނާ ސަރަޙައްދެއް ޤާއިމްކުރުމަށް ތުރުކީވިލާތާއި ރަޝިޔާ އަދި އީރާނާ ދެމެދުވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެޤައުމުން އަމަލުކުރަމުންދާކަމަށް ތުރުކީވިލާތުން ބުނެފިއެވެ.

ސޫރިޔާގައި ކުރަމުންދާ ދާޚިލީ ހަނގުރާމައިގައި އެޤައުމުގެ ސަރުކާރަށް އެހީތެރިވަމުންދާ ރަޝިޔާއާއި އީރާނު އަދި އިދިކޮޅު ހަނގުރާމަވެރިންނަށް ވާގިދޭ ތުރުކީވިލާތާ ދެމެދު އެއްބަސްވުމެއް އެކުލަވާލާފައިވަނީ 2018ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ސޫރިޔާގެ ސަރުކާރުން އިސްވެ ރަޝިޔާގެ އެހީތެރިކަމާއެކު އެޤައުމުގެ އިދްލިބަށް މީގެ ދެހަފުތާކުރިން ދޭންފެށި ޙަމަލާތަކުގައި ތުރުކީވިލާތުގެ 13 ސިފަައިން މަރުވުމުން އެއްބަސްވުމަށްވަނީ ހިޔަނިއެޅިފައެވެ. މިމަހުގެ ނިޔަލަށް ޙަމަލާތައް ހުއްޓާނުލައިފިނަމަ ސޫރިޔާގެ އަސްކަރީ މަޤާމުތަކަށް ޙަމަލާދޭނެކަމުގެ އިންޒާރު ތުރުކީވިލާތުންވަނީ ދީފައެވެ.

ތުރުކީވިލާތުން އިދްލިބުގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެންނަން މަސައްކަތްކުރިނަމަވެސް އެއްބަސްުވުންތަކާއި ޚިލާފުވެ އިދްލިބުގެ ޙާލަތު ގޯސްކުރަމުންދަނީ ތުރުކީވިލާތުންކަމަށް ރަޝިޔާއިންދަނީ ބުނެއެވެ. ނަމަވެސް ތުރުކީވިލާތުން އެތުޙުމަތުތަކަށް އިންކާރުކުރެއެވެ. ތުރުކީވިލާތުން ބުނާގޮތުގައި އެޤައުމުގެ އެންމެ ގާތް އަވަށްޓެރިންނާއި ދެކޮޅަށް ދެމުންދާ ޙަމަލާތަކަށް ބީރުކަންފަތެއް ދީގެން ނުތިބެވޭނެއެވެ. ނަމަވެސް ސޫރިޔާގެ މައްސަލައިގައި ތުރުކީވިލާތާއި ރަޝިޔާ ދެބަސްވިނަމަވެސް ދެޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކަށް އަސަރުކޮށްގެން ނުވާނެކަމަށް ތުރުކީވިލާތުން ބުނެއެވެ. އަދި ދެޤައުމުގެ ދެމެދުގައިވާ ގުޅުން އެކަމުގެ ސަބަބުން ހީނަރުވިޔަދީގެން ނުވާނޭކަމަށް ބުނެއެވެ.