ޚަބަރު

ކޯވިޑް19 ޖެހުނު މީހުންގެ ލޭ ބޭނުންކޮށްގެން ސީރިއަސް ބަލި މީހުންނަށް ފަރުވާކުރަނީ


ކޯވިޑް 19އަށް ފަރުވާކޮށް ރަނގަޅުވެފައިވާ މީހުންގެ ލޭ ބޭނުންކޮށްގެން ބަލި ޖެހިފައި ތިބި މީހުން ރަނގަޅުކުރުމުގެ މަސައްކަތް ޗައިނާއިން ފަށައިފިއެވެ.

ކޯވިޑް 19އާއި ދެކޮޅަށް މުޅި ޗައިނާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައި ވާއިރު މުޅި ދުނިޔޭގެ ތަޢުރީފު އަންނަނީ ޗައިނާއަށް ލިބެމުންނެވެ.

ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން މިހާރުވަނީ ޗައިނާގައި ކޯވިޑް 19އަށް ފަރުވާކޮށްގެން މިހާތަނަށް ރަނގަޅުވެފައިވާ މީހުންގެ ލޭ ނުވަތަ ޕްލާސްމާ ޑޮނޭޓްކުރުމަށް އެޤައުމުގެ ޢާއްމުނަށް ގޮވާލާފައެވެ. މީގެ ބޭނުމަކީ ކޮވިޑް 19 ވައިރަސްގެ ޖަރާސީމާއި ދެކޮޅަށް ހަށިގަނޑު ތައްޔާރުކުރުމަށް ބޭނުންވާ 'އެންޓިބޮޑީސް' ތައްޔާރުކުރުމެވެ. މިވައިރަސްގެ ޝިކާރައަކަށް ވެފައި ވާމީހުންގެ ތެރެއިން ރަނގަޅުވެފައިވާ މީހުންގެ ހަށިގަނޑުގައި އެވައިރަސް އާއި ދެކޮޅަށް މަސައްކަތްކުރި 'އެންޓިބޮޑީސް' ހުރުމުގެ ސަބަބުން މިވަގުތު މިބަލީގައި ފުރާނައަށް ނުރައްކާވާ ހިސާބުގައި ތިބި މީހުންނަށް ފަރުވާ ކުރުމަށް މިއީ އެންމެ އިފެކްޓިވް ގޮތްކަމަށް ކަމުގެ ތަޖުރިބާކާރުން ދެކިލައްވައެވެ.

ޗައިނާގެ ސައިންސްވެރިންނާއި ޑޮކްޓަރުން ގުޅިގެން ކުރަމުންދާ މަސައްކަތުން މިހާރު ބަލި މީހުންނަށް މި ފަރުވާ ދޭން ފަށާފައި ވާއިރު ނާޒުކު ޙާލަތުގައި ތިބި މީހުންގެ ތެރެއިން މިފަރުވާ ދެވުނު ހުރިހާ ބަލި މީހުންގެ ފަރާތުންވެސް 12 ގަޑިއިރާއި 24 ގަޑިއިރާ ދޭތެރޭގައި ބޮޑެތި ކުރިއެރުންތައް ފެނިފައިވާކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ. މިއާއެކު ޗައިނާގެ އެހެނިހެން ހޮސްޕިޓަލްތަކުންވެސް މިހާރުވަނީ ކޮންވަލަސެންޓް ޕްލާސްމާ ތެރަޕީ ނުވަތަ ވައިރަސްއިން ރަނގަޅުވެފައިވާ މީހެއްގެ ލޭ ބޭނުންކޮށްގެންދޭ މި ތެރަޕީ ދިނުމުގެ މަސައްކަތް ފަށާފައެވެ.

މިއީ ވަރަށް ކުރީއްސުރެ ޑޮކްޓަރުން ހޮސްޕިޓަލުތަކުގައި ބައެއް ޙާލަތްތަކުގައި ބޭނުންކުރަމުން އައި ފަރުވާ ދިނުމުގެ ގޮތެކެވެ. ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މިފަދަ ނުރައްކާތެރި ބައްޔެއްގައި މުޅި ޗައިނާ ހަނގުރާމަކުރަމުން އަންނައިރު މިފަރުވާއަށް އެހާ ބޮޑަށް ބަރޯސާ ނުވުމަށްވެސް ޢާއްމުނަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ބައްޔެއްގައި ރަނގަޅުވުމުގެ އުއްމީދު ބޮޑުވަނީ އެމީހާގެ އަމިއްލަ ދިފާޢީ ނިޒާމުގައި ހުރި ބާރެއްގެ މައްޗަށްކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

ކަމާބެހޭ ފަރާތްތަކުން މިހެން ވިދާޅުވެފައިވީނަމަވެސް ޗައިނާގައި މިބަލިން ރައްކާތެރިކަން ލިބި ގެއަށް ދޫކޮށްލާފައިވާ މީހުން އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަމިއްލައަށް އެދިގެން އަންނަނީ ލޭ ހަދިޔާކުރަމުންނެވެ.

އެންމެ ފުރަތަމަ ޗައިނާގެ ވުހާން ޕްރޮވިންސުން ފެނުނު ކޮރޯނާ ވައިރަސްގެ ސަބަބުން މިހާރު މުޅި ދުނިޔެ ވަނީ ސިއްޙީ ނުރައްކަލުގެ ޙާލަތުގައިކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންވަނީ ކަނޑައަޅާފައެވެ. ދުނިޔޭގެ އެތައް ޤައުމަކަށް މިހާތަނަށް ވައިއަރސްގެ އަސަރުކޮށްފައިވާއިރު ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޗައިނާއަށެވެ. މިދަނޑިވަޅުގައި ޗައިނާ ސަރުކާރާއި ގުޅިގެން ވައިރަސްއާއި ދެކޮޅަށް ރެއާއި ދުވާލު ޗައިނާގެ ހުރިހާ ފަންތިއެއްގެ މީހުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކަމަށް މުޅި ދުނިޔޭގެ ތަޢުރީފު އަންނަނީ ޗައިނާއަށް ލިބެމުންނެވެ.