ކުޅިވަރު

ބައިނަލްއަޤްވާމީ ބީޗްވޮލީބޯޅަ ޓްރެއިނިންގ ކޯޓު ރައީސް ހުޅުއްވައިދެއްވައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރެވުނު ބައިނަލްއަޤުވާމީ ފެންވަރުގެ ބީޗްވޮލީ ޓްރެއިނިންގ ކޯޓް ރަޢީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ.

މިއަދު ހަވީރު ހުޅުމާލޭ ބީޗްވޮލީ ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ޚާއްސަ ދެ މެޗެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ފުރަތަމަ ބައިވެރިވެވަޑައިގެންނެވީ ކޯޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން ކުޅުނު ޚާއްސަ މެޗުގައެވެ. މިމެޗުގައި ރަޢީސް އިބްރާހިމް މުޙައްމަދު ޞާލިހު އާއި މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހްލޫފް ހިމެނިވަޑައިގަންނަވާ ޓީމުން ވާދަކުރެއްވީ، ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާއި ދެކޮޅަށެވެ.

ފަސް ޕޮއިންޓަށް ކުޅުނު މިމެޗް 5-3 ޕޮއިންޓުން ކާމިޔާބުކުރީ ގައުމީ ބީޗްވޮލީބޯޅަ ޓީމުންނެވެ. މެޗުގައި ގައުމީ ޓީމުގެ ފަރާތުން ތަމްސީލުކުރީ ގައުމީ ބީޗްވޮލީ ކެޕްޓަން ޝިއުނާޒް ޢަބްދުލް ވާހިދު އާއި އަހުމަދު މުޙައްމަދު އަދި މުޙައްމަދު ޢަލީއެވެ. މިކުޅުންތެރިންނަކީ އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބީޗްވޮލީބޯޅަ އިވެންޓުން ރާއްޖެށް ރިހިމެޑަލް ގެނެސްދިން ކުޅުންތެރިންނެވެ. މިކުޅުންތެރިންގެ އިތުރުން ރިހިމެޑަލް ގެނެސްދިން ޓީމުގައި ދެން ހިމެނެނީ އާދަމް ނަސީމްއެވެ.

ކޯޓު ހުޅުވުމުގެ ގޮތުން ކުޅުނު ދެވަނަ މެޗުގައި ވާދަކުރެއްވީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ޓީމަކާއި، ވޮލީބޯޅަ ވެޓަރަންސްގެ ޓީމެކެވެ. މިމެޗުގައިމިނިސްޓްރީގެ ޓިމުގައި، ރަޢީސް އިބްރާހިމް މުޙައްމަދު ޞާލިހު އާއި، ރައްޔިތުންގެ މަޖިލީހުގެ ރަޢީސް، ރަޢީސް މުޙައްމަދު ނަޝީދު އާއި، ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް އާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރ ޢަލީ ނިޔާޒް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިމެޗު 24-23 ޕޮއިންޓުން ކާމިޔާބުކުރެއްވީ މިނިސްޓްރީގެ ޓީމުންނެވެ.

ރާއްޖޭގައި އިންޓަނޭޝަނަލް ފެންވަރުގެ ބީޗްވޮލީ ޓްރެއިންގ ފެސިޓީއެއް ނެތުމަކީ މީގެ ކުރިން ގައުމީ ބީޗްވޮލީބޯޅަ ކުޅުންތެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތްކަމެކެވެ. ބައިނަލްއަޤްވާމީ ޓްރެއިނިންގ ކޯޓެއްގެ ފެންވަރަށް ހުޅުމާލެ ބީޗްވޮލީ ކޯޓް ތަރައްގީކުރިއިރު މިކޯޓަކީ އެންމެ ފަހުން ބޭއްވި އައިއޯއައިޖީގައި ރާއްޖެއަށް ރިހިމެޑަލް ހޯދައިދިން ގައުމީ ޓީމު، އެމުބާރާތަށް ތައްޔާރުވުމަށްޓަކައި ފަރިތަކުރުންތަށް ކުރިއަށްގެންދިޔަ ކޯޓެވެ.