ޚަބަރު

މަސްވެރިކަން ހީނަރުވުމަކީ އުކުޅަހުގެ އިޤްތިޞާދަށް ނުރައްކަލެއް - މަސްވެރިން


މަސްވެރިކަންކުރާ މީހުން މަދުވެ ހަމައެކަނި ފަތުރުވެރިކަމުން ލިބޭ ނަފާއަށް ބަރޯސާވުމަކީ ރަށުގެ އިޤްތިޞާދަށްއޮތް ގޮންޖެހުމެއްކަމަށް އުކުޅަހުގެ މަސްވެރިން ބުނެފިއެވެ.

ރާއްޖޭގެ ރަށްތަކަށް ފަތުރުވެރިކަން ތަޢާރަފްވެ ރަށްފުށުގައި ފަތުވެރިކަމުން ލިބޭ ނަފާ އިތުރުވެ އެކަމުގެ އެންމެބޮޑު މަންފާއެއްލިބޭ އެއްރަށަކީ އއ.އުކުޅަހެވެ. ނަމަވެސް އެރަށުގެ މަސްވެރިން ދެކޭގޮތުގައި ހަމައެކަނި ފަރުވެރިކަމަށް ބަރޯސާވާން ޖެހިއްޖެނަމަ ރަށުގެ އިޤްތިޞާދަށް ނުރަނގަޅު އަސަރުތަކެއް ކުރާނެއެވެ.

އަރިއަތޮޅު އުތުރުބުރީ އުކުޅަހަކީ ރަށުގައިތިބެގެން ރަށުގެ ރައްޔިތުންނަށް ފަތުރުވެރިކަމުން އެންމެބޮޑު މަންފާއެއް ލިބޭ އެއްރަށެވެ. ލޯކަލް ޓުއަރިޒަމް ރާއްޖެއަށް ތަޢާރަފްވެ ރަށްފުށުގައި ފަތުވެރިކަމުން ލިބޭ މަންފާ ހޯދުމަށް މީގެ 10 ވަރަކަށް އަހަރުކުރިން އުކުޅަހުގައި ތަޢާރަފުކުރި މިމަސައްކަތުގައި އެރަށަކީ މިއަދު ރާއްޖޭގައިވެސް އެންމެފުޅާކޮށް މިމަސައްކަތް ކުރާ އެއްރަށެވެ. ފަތުރުވެރިކަމާއިއެކު ރަށަށްލިބޭ ޢާމްދަނީ އިތުރުވެ ގިނަ ވަޒީފާތަކެއް އުފެދުމުން އެރަށުގެ ޒުވާނުންނާއި، ހަރުމީހުންވެސް ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް މިއަދުތިބީ ފަތުރުވެރިކަމަށް ބަރޯސާކޮށްގެންނެވެ.

އުކުޅަހުގެ ފަތުރުވެރިކަން މިހާރު ފުޅާވެގެންގޮސްފަިވާއިރު، މީގެ 14 ވަރަކަށް އަހަރުކުރިން އާމްދަނީ ހޯދުމަށް އެރަށުގައި އެންމެ ފުޅާދާއިރާއެއްގައި ކުރަމުންދިޔައީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ. އަރިއަތޮޅުގައިވެސް އެންމެ ފުޅާކޮށް މަސްވެރިކަންކުރަމުންދިޔަ އެއްރަށަކީ އޭރު އުކުޅަސްކަމުގައި އެރަށުގެ މަސްވެރިންބުނެއެވެ.

އުކުޅަހުގެ މަސްވެރިކަމުގެ މިއަދު ޙާލަތާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއާ ވާހަކަ ދެއްކި މަސްވެރިން ބުނީ މިހާރުގެ އުކުޅަހުގެ މަސްވެރިކަން ނެތިދިއުމުގެ ބިރުއޮތްކަމަށެވެ. މީގެ 14ވަރަކަށް އަހަރުކުރިން އުކުޅަހަކީ ބޮޑުކަންނެއްޔަށްދާ 14 ދޯނި އޮތްރަށެއްކަމަށެވެ. ނަމަވެސް ރަށުގައި ފަތުވެރިކަން ފުޅާވެ ބޮޑުވުމުން މަހަށްދިޔަ އެތައްބަޔަކު މަސްވެރިކަން ހުއްޓާލައި، ދޯނިތައްވެސް ވިއްކާލާފައިވާކަމަށެވެ. އެގޮތުން މިހާރު ރަށުގައި މަސްވެރިކަން ކުރަން އޮތީ އެންމެ 3 ދޯނިކަމަށް އުކުޅަހުގެ އެންމެ ދުވަސްވީ އެއްމަސްވެރިޔާބުންޏެވެ.

"ހަމައެކަނި ފަތުރުވެރިކަމަަށް ބަރޯސާވެގެން ނެތް ތިބެވޭކަށް. ދިމާވާކަމަކުން ފަތުރުވެރިކަމަށް އަސަރުކޮށްގެން އެކަމުގެ ނޭދެވޭ އަސަރުކުރާއިރު، އަޅުގަނޑުމެން އެކަމަށް ތައްޔާރުވެ ތިބެންޖެހޭ. ފަތުރުވެރިކަމާއިއެކީ މަސްވެރިކަން ކުރަންޖެހޭ. މަސްވެރިކަން ހުއްޓިއްޖެނަމަ މިއީ އިޤްތިޞާދަށް އޮތް ބޮޑު ނުރައްކަލެއް" އުކުޅަހު މަސްވެރިޔަކު ބުންޏެވެ.

އުކުޅަހުގެ މަސްވެރިކަން ދަށްވެ ފަތުރުވެރިކަމަށް ބަރޯސާވާ މީހުން އިތުރުވިނަމަވެސް ޒުވާނުންގެ ތެރެއިންވެސް މަދުބަޔަކު ނަމަވެސް މަސްވެރިކަމުގައި ދަނީ ޙަރަކާތްތެރި ވަމުންނެވެ. ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ޒުވާނުންގެ ތެރެއިން ޒުވާން މަސްވެރިޔަކު ބުނީ ފަތުރުވެރިކަމަށްވުރެ މަސްވެރިކަމުން ލިބޭ މަންފާ ބޮޑުކަން މަހުގެ ފަހުކޮޅަށް ދާއިރު ރަށުގެ ކެފޭހޮޓާތަކަށް ބަލައިލުމުން އެގޭނެކަމަށެވެ.

"އަހަރުމެން މަސްވެރިންނަށް ހަފްތާއަކު އެބަލިބޭ 12000 ނޫނީ 10000 ރުފިޔާގެ އާމްދަނީއެއް. އެކަމަކު ފަތުރުވެރިކަމުގައި އުޅޭ ގިނަ ކުދިންނަށް މިލިބެނީ މަހަކު 9000 ނޫނީ 10000 ރުފިޔާ. އެހެންވީމާ މަހުގެ ފަހުކޮޅަށްދާއިރު އެކުދިން އަތުގައި ގިނަފަހަރަށް ނުހުންނާނެ ފައިސާ. އެކަން ރަށުގެ ހޮޓާރެސްޓޯރެންޓްތަކަށް ބަލައިލުމުން އެގޭނެ." ޒުވާން މަސްވެރިޔަކު ބުންޏެވެ.

އުކުޅަހުގައި މިއަދު މަސްވެރިކަން ކުރަންތިބީ މިއަދު މަދުބަޔަކަށް ވިޔަަސް އެމީހުންގެ ހިތްވަރާއެކު، މަސްވެރިކަމަށް އޮތް އުންމީދު އަދިވެސް ގެއްލިގެން ނުދެއެވެ. އެމީހުން ދެކޭ ގޮތުގައި މަސްވެރިކަން މަޑުމަޑުން ނެތިދާނަމަ އެކަމުގެ އަސަރު މުޅި ރަށަށާއި، ޤައުމަށްވެސް ކުރާނެއެވެ. އެހެންކަމުން މިމަކަކީ ދުރާލައި ވިސްނައި ދޫވިޔަނުދީ ހިފަހައްޓަންޖެހޭ ސިނާޢަތެއްކަމަށް އުކުޅަހު މަސްވެރިން ދެކެއެވެ.