ވިޔަފާރި

ކޮށީގައި ފާނަ އާލާކުރުމުގެ މަޝްރޫޢެއް އދ. އަތޮޅުގައި ފަށަނީ


ކޮށީގައި ފާނަ އާލާކުރުމަށް ތަޖުރިބާކުރުމުގެ ޕްރޮޖެކްޓެއް އދ. މަހިބަދޫގައި ހިންގުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ނިންމައިފިއެވެ.

މިމަޝްރޫޢުގެ ދަށުން، އދ. އޮމަދޫ، ދިގުރަށް، ގަނގެތި އަދި މަހިބަދޫގެ 19 ފަރާތަކަށް މިދިޔަމަހު ފާނަކޮށި ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ފާނަ ކޮށި ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށް ފެބްރުއަރީ 20 އިން 22 ގެ އދ. މަހިބަދޫގައި ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދާނެކަމަށެވެ.

މިތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ފާނަކޮށީގެ މަސްވެރިކަމަށް ޝައުގުވެރިވާ އދ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ފިޝަރީޒް މިނިސްޓްރީން ވަނީ ދައުވަތު އަރުވާފައެވެ. ޝައުގުވެރިވާ ފަރާތްތަކުން އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް އދ. އަތޮޅު ކައުންސިލުގައި ނަން ލިސްޓުކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮށީގައި ފާނަ ބޮޑުކުރުން ތަޖުރިބާ ކުރުމުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ވޯލްޑް ބޭންކާއި ގުޅިގެން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓު"ގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

"ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓު"ގެ މަޤްޞަދަކީ އިޤްތިޞާދު ކުރިއެރުވުމާއި އާމްދަނީ އިތުރުކުރުމާއި ވަޒީފާ އުފެއްދުމުގެ ވަޞީލަތެއްގެ ގޮތުގައި، ވަކި އަތޮޅުތަކެއްގައި މެރިކަލްޗަރ ތަރައްޤީކުރުމެވެ. މަޝްރޫޢުގެ ނަތީޖާއަށް ބަލައި ފާނަ ބޮޑުކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.