ސިއްހަތު

އުމްރާއިން އަންނަ މީހުންނަށް ބަލިތަކާބެހޭ މައުލޫމާތުދިނުން


އުމުރާގެ އަޅުކަން އަދާ ކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކަށް ބަލިތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.ޕޯޓް ހެލްތުގެ ފަރާތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓްގައި ކުރިއަށްގެންދާ މިޕްރޮގްރާމް މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ކުރިއަށްދާނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ ރަޒާނާ ފާއިޒު ވިދާޅުވީ އުމުރާއިން އެނބުރި އަންނަ ފަރާތްތަކަށް ކުރިއަށްގެންދާ ޕްރޮގްރާމްގައި ހެލެތް ސްކްރީނިން ނުހިމެނޭ ކަމަށާއި، ހަމައެކަނި ކުރިއަށްދަނީ ބަލިތަކުގެ މައުލޫމާތު ދިނުން ކަމަށެވެ.މެދުއިރުމަތީގައި ފެތުރެމުންދާ މާރސް ރޯގާގެ މައުލޫމާތާއި، މިދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ރޯގާތަކާ ގުޅޭގޮތުން މައުލޫމާތުދީ، އަލާމާތެއް ފެނިއްޖެނަމަ ކަން ކުރަންވީ ގޮތުގެ މައުލޫމާތު އުމުރާއިން އަންނަ ފަރާތްތަކަށް ދެމުންދާ ކަމަށް ޑރ ރަޒާނާ ވިދާޅުވިއެވެ.މިއަހަރު ރާއްޖެއިން 1200އެއްހާ މީހުން އުމުރާއަށް ގޮސްފައިވާއިރު، އެފަރާތްތައް އެނބުރި އަންނަންދެން ކުރިއަށް އޮތް ފަސް ދުވަހު މި ޕްރޮގްރާމް އެއަރޕޯޓްގައި ކުރިއަށްގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ރޯގާތައް އިތުރުވަމުންދާތީ، ފްލޫ ކުލިނިކްތަކެއް އައިޖީއެމްއެޗާއި، ހުޅުމާލޭ ހޮސްޕިޓަލް އަދި ކޮންމެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުގައި ޤާއިމްކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.