ޚަބަރު

ޗައިނާއިން ބޭރުގައި ކޯވިޑް-19 ހަލުވިކަމާއެކު ނުފެތުރޭ: ޑަބްލިއުއެޗްއޯ


ނުރައްކާތެރި ކޯވިޑް-19 ޗައިނާއިން ބޭރުގައި ހަލުވިކަމާއެކު ފެތުރެމުން ނުދާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ސުވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޖަމްޢިއްޔާގެ އެގްޒެކަޓިވް ޑައިރެކްޓަރު މައިކް ރަޔަން ވިދާޅުވީ ޗައިނާއިން ބޭރުގައި ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދަނީ ޖަޕާނުގައި ކަރަންޓީނުކޮށްފައިވާ އޮތް ޑައިމަންޑް ޕްރިންސަސް ނަމަކަށް ކިޔާ ކްރޫސް ލައިނާއެއްގައިކަމަށެވެ. އެގޮތުން، ފާއިތުވި 24ގަޑިއިރުގެ ތެރޭގައި އެކްރޫސް ލައިނާގައި ތިބި މީހުންގެ ތެރެއިން 44 މީހެއްގެ ގައިން ވައިރަސް ފެނިފައިވާކަމަށާއި މިހާތަނަށް އެއުޅަނދުގައި ތިބި 219 މީހެއްގެ ގައިން ވައިރަސް ފެނިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ރަޔަން ވިދާޅުވިގޮތުގައި ޗައިނާގެ ހޫބައި ޕްރޮވިންސްގެ ވުހާން ސިޓީން އެންމެ ފުރަތަމަ ފެނުނު އެވައިރަހާގުޅޭ ތަހުލީލުތައް ކުރުމަށް ޑަބްލިއުއެޗްއޯގެ އިތުރު ވަފުދެއް އެސަރަޙައްދަށް ދާނެއެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ޗައިނާގައި ފެތުރެމުންދާ ކޯވިޑް-19ވަނީ އެޤައުމުގެ 63،000ހާހަށްވުރެ ގިނަ މީހުންނަށް ޖެހިފައެވެ. އަދި ވައިރަހުގެ ސަބަބުން 1،380އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.