ޚަބަރު

ސަރުކާރު އޮފީސްތަކުގެ އިންޓާނަލް އޮޑިޓް ނިޒާމެއް ގާއިމުކުރަން ފަށައިފި


ދައުލަތުގެ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި އިންޓާނަލް އޮޑިޓް ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފިއެވެ.

މިއީ ދައުލަތުގެ ނަމުގައި ހިނގަމުންދާ ޕަބްލިކް ބޭންކް އެކައުންޓާއި ޕަބްލިކް ފަންޑުތަކާއި ދަޢުލަތުގެ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތެކެވެ. އަދި ދަޢުލަތުގެ އޮފީސްތަކުގައި ހުންނަ ހީރާސްތައް ދެނެގަނެ އޮފީސްތަކުގައި ހުންނަ މުދަލާއި ފައިސާ އަދި މުދަލާ ފައިސާގެ ހިސާބުތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ބަލަހައްޓަމުންދަނީ ދަޢުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކްކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ބޭނުމުގައި ދަޢުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ 16 ވަނަ ބާބުގެ ދަށުން، ކުރިއަށްގެންދާ މަސައްކަތެކެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ދައުލަތުގެ އިދާރާތަކުގައި އިންޓަރނަލް އޮޑިޓް ފަންކްޝަނެއް ގާއިމުކުރަން ބޭނުންވާ އޮޑިޓް ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތް ނިމި ފަސް އިދާރާއެއްގައި އޮޑިޓް ކޮމެޓީ އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިސްކަންދޭ ތަރުތީބަކުން ގިނަ އިދާރަތަކެއްގައި އިންޓާނަލް އޮޑިޓް ފަންކްޝަން އުފައްދަން ތައްޔާރުވަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ދަޢުލަތުގެ އިންޓަރނަލް އޮޑިޓް ނިޒާމް ރާވާފައިވާގޮތުން މި ނިޒާމް ހިންގުމުގެ އެންމެ އިސްފަރާތަކީ ފިނޭންސް މިނިސްޓްރީން އައްޔަންކުރާ 7 މެމްބަރުންގެ މައްޗަށް އެކުލަވާލާފައިވާ "ދަޢުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީ"އެވެ. މިކޮމިޓީގައި ތިބެނީ ފިނޭންސް މިނިސްޓްރީގެ 3 މެމްބަރުންނާއި އޮޑިޓަރ ޖެނަރަލްގެ އޮފީސް ތަމްސީލްކުރާ ފަރާތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން ތަމްސީލް ކުރާ ފަރާތެއްގެ އިތުރުން ޕްރައިވެޓް ސެކްޓަރ ތަމްސީލް ކުރާ 2 ފަރާތްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

އިންޓަރނަލް އޮޑިޓް ނިޒާމު ޤާއިމުކުރުމުގެ މަޤްސަދު ހާސިލުކުރަން ޖެހޭ އެންމެހާ މަސައްކަތް ކުރާނީ ފިނޭންސް މިނިސްޓަރު، އެ މިނިސްޓްރީގައި އެކުލަވާލައްވާފައިވާ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މާލިއްޔަތު ޤަވާއިދުގެ ދަށުން ދައުލަތުގެ އިދާރާތަކުގައި އުފައްދާ އިންޓަރނަލް އޮޑިޓް ފަންކްޝަނުގެ މަސައްކަތް ބެލެހެއްޓުމުގެ ކަންކަން ކުރާނީ އެ އިދާރާތަކުގައި އުފައްދާ އޮޑިޓް ކޮމެޓީއަކުންނެވެ. އެ ކޮމެޓީތަކުގެ މަސައްކަތް މޮނީޓަރކޮށް، ބެލެހެއްޓުމުގެ ކަންކަން ކުރާނީ ފިނޭންސް މިނިސްޓަރަށާއި އިންޓާނަލް އޮޑިޓް ކޮމެޓީއަށް ޖަވާބުދާރީވާ ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓުންނެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ އިންޓަރނަލް އޮޑިޓް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ދަޢުލަތުގެ މިނިވަން މުއައްސަސާތަކާއި، މިނިސްޓްރީތަކާއި ދައުލަތުގެ ބަޖެޓަށް ޒިންމާވާ އިދާރާތަކުގައިކަމަށެވެ. އަދި ސިޓީ ތަކާއި އަތޮޅު ކައުންސިލްތަކާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާއި ގުޅިގެން ދަޢުލަތުން ހިއްސާވާ ކުންފުނިތަކުގައިވެސް އިންޓަރނަލް އޮޑީޓް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.