ޚަބަރު

އިންސާފު ލިބުން ލަސްވާ އެންމެބޮޑު އެއް ސަބަބަކީ ތަޙްގީގު ދިގުލައިގެން ދިއުން - ޖީހާން


އިޖުތިމާޢީ އިންސާފު ލިބުމަށްއޮތް އެންމެބޮޑު ހުރަހަކީ ތަޙުޤީޤީ އިދާރާތަކުން މައްސަލަތައް ބެލުމުގައި ގިނަ ދުވަސްތަކެއް ނެގުންކަމަށް ރައްޔިތުން މަޖްލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު ޖީހާން މަޙްމޫދު ވިދާޅުވެއްޖެއެވެ.

މަޖީލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ކުރިއަށްގެންދިޔަ ޚާއްސަ އިންކްއަރީން ފާހަގަކުރެވުނު ގޮތުގައި ވޭތުވެ ދިޔަ 15 އަހަރުދުވަހުގެތޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާގުޅޭ މައްސަލަތަކުގެ %70 މައްސަލަތައް ތަޙުޤީޤުކުރުމަށް އެންމެ މަދުވެގެން 100 ދުވަސް ނަގާކަން ހަމަވެފައިވާކަމަށެވެ. ޖީހާން ވިދާޅުވީ މިއީ ކަންބޮޑުވާ މައްސަލައެއްކަމަށެވެ.

ޕީއެސްއެމް ނިއުސްގެ އެކްސްކްލޫސިވް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖްލީހުގެ ހިންނަވަރުދާއިރާގެ މެމްބަރު އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު ޖީހާން މަޙްމޫދު ވިދާޅުވީ ޖިންސީ ގޯނާތަކުގެ ޝިކާރައަކަށްވާ މީހުންގެ ޢަދަދު އިތުރުވަމުންދަނީ އިންސާފު ޤާއިމުނުކުރެވުމުގެ ސަބަބުންކަމަށް ޤަބޫލުކުރައްވާކަމަށެވެ.

އިންސާފު ލިބުން ހުރަސްއެޅޭ ފަދަ އެތައްކަމެއް އެކި މަރުޙަލާތަކުގައި ހިންގަމުންދާކަން ޖީހާން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިބާވަތުގެ މައްސަލަތައް ފުލުހުންނަށް ހުށައެޅުމާހަމައިން އެކި ސަބަބުތަކާހެދި ނުބަލައޮ މަޑުޖެހޭކަން ޖީހާން ފާހަގަކުރެއްވިއެވެ. ޖިންސީ އަނިޔަތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖްލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ހިންގި ޚާއްސަ ތަޙުގީގުން ހާމަވެފައިވަނީ މިފަދަ މައްސަލަތަކުގެތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ %70 މައްސަލަތައް ބެލުމަށް މަދުވެގެން 100އަށްވުރެ ގިނަ ދުވަސް ނަގާފައިވާކަމަށެވެ. މިކަން ފާހަގަކުރައްވައި ޖީހާން ވިދާޅުވީ މިއީ ކަންބޮޑުވާ ކަމެއްކަމަށާ، މައްސަލަތައް ބެލުން މިހާ ލަސްވެގެން ދިއުމަކީ އިންސާފަށް ހުރަސް އެޅުމަށް އެތައްކަމެއް މުވެރިވާނެކަމެއްކަމަށެވެ.

އިންސާފު ޤާއިމުނުކުރެވި މިހާ ލަސްވެގެން ދިއުމަކީ އިންސާފުގެ އުއްމީދު ނަގާލައި، ހެކި ނައްތާލައި ޙަގީގަތް ފޮރުވުންފަދަ އެތައް ކަމެއް ހިންގުމަށް ބަޔަކަށް ދެވޭ ވަގުތުތަކެއްކަމަށެވެ.

ޝަރުޢީ ކޯޓުތަކުގައި 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މިފަދަ މައްސަލަތައް ހުރުމަކީ، އަނިޔާ ލިބޭ ފަރާތަށް އޮތް ނުރައްކާބޮޑުވެ އަނިޔާކުރާ މީހާއަށް ލިބޭ ހިތްވަރެއްކަމަށް ޖީހާން ފާހަގަކުރެއްވިއެވެ. ޖީހާންވަނީ ރާއްޖޭގައި ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާތައް ތަޙުގީގުކުރުމާއި އިންސާފު ކަށަވަރުކުރުމަށް ބޮޑެތި އިހުމާލުތަކެއްވެފައިވާކަމަށް ވިދާޅުވެފައެވެ.

ކުޑަކުދިންނަށާއި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މަދުކުރުމަށް ހަރުދަނާ ނިޒާމެއް ބޭނުންވާކަން ފާހަގަކުރައްވައި ޖީހާން ވިދާޅުވީ އެންމެ ފުރަތަމަވެސް މިފަދަ މައްސަލަތަކުގައި ފުލުހުންނާއި ކޯޓުތަކުން ޢަމަލުކުރާ ގޮތްތަކަށް ފާރަވެރިވެ އެކަންްކަން ބެލޭނެ ހަރުދަނާ ގޮތްތަކެއް ހަދަންޖެހޭކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން މިކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރައްވައި މިފަދަ މައްސަލަތައް ބަލުމަށް ޤާއިމުކޮށްފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްކުރައްވާނެކަމަށް ޖީހާން ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖްލީހުގެ ދިގު ތާރީޚުގައި އިޖުތިމާޢީ ޢަދާލަތާއި އިންސާނީ ޙައްގުތަކާގުޅޭ މައްސަލަތައް ބެލުމަށް އެންމެ ފުރަތަމަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއެއް އެކުލަވާލައި ކުޑަކުދިންނާއި އަންހެނުނަށް ލިބެމުންދާ އަނިޔާގެ މައްސަލަތަކާއި އިންސާފު ނުލިބި ދިގުލައިގެންދާ މައްސަލަތައް ބެލުމުގެ މަސައްކަތް ފަށާފައިވަނީ މިހާރު ހިނގަމުންދާ 19ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ.