ވިޔަފާރި

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޙާލަތު ވަރަށް ގޯސް- އެސްއޯއީ ކޮމިޓީ


އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޙާލަތު ވަރަށް ގޯސްކަމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން މިކަން ހާމަކުރީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ހާލަތު ބެލުމަށް އައްޑޫ ސިޓީއަށް ކުރި ދަތުރަށްފަހުއެވެ.

އެސްއޯއީ ކޮމިޓީން އައްޑޫއަށް ކުރި ދަތުރުގައި އެސްއޯއީ ކޮމެޓީގެ މުޤައްރިރު ހުޅުދޫ ދައިރާގެ މެންބަރު އިލްޔާސް ލަބީބް އާއި، ފުވައްމުލަކުގެ މެދު ދައިރާގެ މެމްބަރު އަދި ކޮމެޓީގެ ނައިބު މުޤައްރިރު ހުސައިން މުހައްމަދު ދީދީ އާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް އާއި، ތޮއްޑޫ ދައިރާގެ މެންބަރު ހަސަން ޝިޔާން އަދި ފޭދޫ ދައިރާގެ މެމްބަރު މުހައްމަދު ނިހާދު ބައިވެރިވެވަޑައިގަތެވެ..

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އިސްވެރިންނާއި އެސްއޯއީ ކޮމެޓީން ވަނީ ބައްދަލުކުރައްވާފައެވެ. އަދި ކޮންމެ ޑިޕާޓްމެންޓަކަށް ގޮސް އެތަނުގެ ހާލަތު ކޮމެޓީގެ މެންބަރުން ވަނީ އޮޅުންފިލުވާފައެވެ. މީގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ބޯޑު މެންބަރުންނާއި މެނޭޖިންގް ޑިރެކްޓަރާއި އެކު ބަައްދަލު ކުރައްވާ ވަނީ ކުރިއަށް ރާވައިހުރި ކަންކަން އޮޅުން ފިލުއްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެސްއޯއީ ކޮމެޓީގެ މުޤައްރިރު ހުޅުދޫ ދައިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖްމެންޓުން ދިން ދައުވަތަކަށް އެތަން ބަލައިލުމަށް ޒިޔާރަތްކުރިއިރު، އެއާޕޯޓުގެ ހާލަތު ވަރަށް ގޯސް ކަމަށެވެ. އަދި އެކަންކަން ރަނގަޅު ކުރުމަށް ކޮމެޓީގައި މަޝްވަރާ ކުރެވި، ކުންފުންޏަށާއި ސަރުކާރުގެ އިދާރާތަކަށް ދޭންޖެހޭ އިރުޝާދުތައް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތުން އަޅުގަނޑުމެންނަށް އެބަ ޔަޤީންވޭ، އަޅުގަނޑުމެންނަށްވެސް ކަންތައްތަކެއް ކުރެވިދާނެ ކަން، ރައްޔިތުންގެ މަޖިލީސް އަށް ކުރެވިދާނެކަން. އެހެންވީމަ އެކަންތަށް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި މަޝްވަރާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން. ސަރުކާރަށްވެސް ދޭންޖެހޭ ރިކޮމެންޑޭޝަންސް ދޭނަން. ކުންފުންޏަށް ވެސް ދޭނަން. މިތަނުގެ ޙާލަތު ހަގީގަތުގައި ވެސް ވަރަށް ގޯސް" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، އެއާޕޯޓުގައި ހުރި ގިނަ މައްސަލަތަކަކީ ވަރަށް ކުޑަ މަސައްކަތަކުން ރަނގަޅު ކުރެވިދާނެ ކަންކަން ކަމަށެވެ. އެގޮތުން ގްރައުންޑް ހޭންޑްލިންއަށް ބައެއް ވެހިކަލްތައް މިހާރުވެސް ލިބިފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، މިއީވެސް އިތުރު އެއާލައިންތައް އަންނަން މަގުފަހިވާނެ ކަމެއް ކަމަށެވެ. އަދި އިތުރު ދަތިތައްވެސް ހުރި ކަމަށާއި، އެކަން ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންކަން ކުރުމަށް ކޮމިޓީން ބާރުއަޅުއްވައި މަސައްކަތް ކުރައްވާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އެސްއޯއީ ކޮމެޓީގެ ދަތުރާ ގުޅޭގޮތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިންގެ ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވީ އެސްއޯއީ ކޮމެޓީން ވަރަށް ގިނަ ކަންކަމުގައި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށެވެ. އަދި މިހާރު އެއާޕޯޓު ތަރައްޤީކުރާނެ ގޮތުގެ ޕްލޭނެއް ކޮންސަލްޓެންޓެއްގެ އެހީގައި އެކުލަވާލަމުން އަންނަކަމަށްވެސް ގައިސް ވިދާޅުވިއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ ދަށުން ހިންގަމުންދާ ގަން އެއާޕޯޓް އިންޓަނޭޝަނަލް އެއަރޕޯޓަކަށް ބަދަލުވީނަމަވެސް މިއަދާ ހަމައަށް އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރަނީ އެންމެ އެއާރލައިނަކުންނެވެ.