ވިޔަފާރި

"ވާވޭ މޭޓް 20 އެކްސް" ފޯނު ރާއްޖެއަށް


5ޖީ ޓެކްނޮލޮޖީ ހިމެނޭ "ވާވޭ މޭޓް 20 އެކްސް" ފޯނު ދިރާގުން ރާއްޖެއަށް ލޯންޗުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާވޭ މޭޓް 20 އެކްސް ފޯނު ތައާރަފްކޮށްދެއްވީ ދިރާގުގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދަސަރު އެވެ. މިއީ ރާއްޖެއަށް 5 ޖީ ނެޓްވޯކްގެ ފޯނެއް ނެރެފައިވާ ފުރަތަމަ ފަހަރެވެ.

ދިރާގުން ބުނީ މިހާރު އެކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް މި ފޯނަށް އޯޑަރު ކުރެވޭނެ ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން، އޯޑަރު ކޮށްފައިވާ ފަރާތްތަކާ ފޯނު ހަވާލުކުރާނެކަމަށެވެ. މިފޯނަށް ހާއްސަކޮށް ދިރާގުން ފަށާފައިވާ ޕްރޮމޯޝަނުގެ ދަށުން ފޯނު ގަންނަ ކޮންމެ ކަސްޓަމަރަކަށް 6 މަސް ދުވަހުގެ މުއްދަތަށް ކޮންމެ މަހަކު 20 ޖީބީ ޑޭޓާ ހިލޭ ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން މި ފޯނު ވިއްކުމަށް ހަމަޖެހިފައިވަނީ 15899 ރުފިޔާ އަށެވެ. މީގެއިތުރުން ދިރާގުން މި ފޯނު އިންސްޓޯލްމެންޓަށްވެސް ދޫކުރުމަށް ނިންމާފައިވެއެވެ. އިންސްޓޯލްމެންޓަށް މި ފޯނު ނަގުމަށް ޑައުންޕޭމަންޓުގެ ގޮތުގައި ފުރަތަމަ ދައްކަން ޖެހޭނީ 3499 ރުފިޔާއެވެ. ދެން އެއަށްފަހު ކޮންމެ މަހަކު ދައްކަން ޖެހޭނީ 1129 ރުފިޔާއެވެ.