ކުޅިވަރު

ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ނިޝްތާރު ހަމަޖައްސައިފި


ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗަކަށް މި ސީޒަނުގައި ށ.ފޯކައިދޫ ފުޓްބޯޅަ ޓީމަށް އިރުޝާދިން ޢަލީ ނިޝްތާރު މުހައްމަދު ހަމަޖައްސައިފިއެވެ.

ނިޝްތާރު ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ހަމަޖައްސާފައިމިވަނީ އެ ޓީމުގެ ކުރީގެ ކޯޗު ޢަލީ ސުޒޭން އާއި އެކު އެ ޓީމުން ހަދާފައިވާ އެއްބަސްވުން އުވާލުމުންނެވެ. އަދި މިހާރު ސުޒޭން މަސައްކަތް ކުރަމުން އަންނަނީ ޤައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ.

ނިޝްތާރަށް ގްރީން ސްޓްރީޓްސްގެ ކޯޗުކަން ހަވާލުކުރީ ރޭ އެކަމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މި ޚަފްލާގައި ގްރީން ސްޓްރީޓްސްގެ ކުރީގެ ކޯޗު އަދި ޤައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު ޢަލީ ސުޒޭންވެސް ވަނީ ބައިވެރިވެފައެވެ. މި ޚަފްލާގައި ވަނީ ސުޒޭން ގްރީން ސްޓްރީޓްސްއަށް ކޮށްދިން މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އޭނާއަށް ހަނދާނީ ފިލައެއްވެސް ދީފައެވެ.

ނިޝްތާރު ކްލަބް ގްރީން ސްޓްރީޓްސްއާއި ހަވާލުވުމާއިއެކު މިއީ އޭނާ ފުރަތަމަ ޑިވިޝަންގައި ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނެ ތިންވަނަ ޓީމެއެވެ. ނިސްތާރު ވަނީ އއ. މާޅޮސް ޓީމަށް ވެސް ޕްރިމިއާ ލީގުގައި ކޯޗުކޮށްދީފަ އެވެ. ނިސްތާރު ވަނީ ދިވެހި ޕްރިމިއަރ ލީގުގައި ފޯކައިދޫ އާއި މާޅޮހަށް ކޯޗުކަން ކޮށްދީފައެވެ.

ގްރީން ސްޓްރީޓްސްއާ އެކު ނިސްތާރަށް މި ސީޒަނުގައި އޮތް ދެ މުބާރާތަކީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އެވެ. އެފްއޭ ކަޕްގައި އަންނަ މަހު ހަ ވަނަ ދުވަހު ގްރީން ސްޓްރީޓްސް ނުކުންނާނީ ލީގުގެ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށެވެ. އަދި ޕްރެޒިޑެންޓްސް ކަޕްގެ ދެ ވަނަ ސެމީގައި އަންނަ މަހު ތިން ވަނަ ދުވަހު ގްރީން ސްޓްރީޓްސް ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.