ވިޔަފާރި

ގެސްޓްހައުސް އެސޯސިއޭޝަންގެ އޭޖީއެމް އަންނަމަހު ބާއްވަނީ


ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޖީއެމްއޭއެމްގެ އަހަރީ އާއްމު ޖަލްސާ އަންނަމަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ގެސްޓްހައުސް އެސޯސިއޭޝަންއިން ބުނީ އެ އެސޯސިއޭޝަންގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަމަހު ބޭއްވުމަށް އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާކަމަށެވެ.

ގެސްޓްހައުސް އެސޯސިއޭޝަންއިން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ ގޯލްޑް މެމްބަރުންނަށްކަމަށާއި މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ގޯލްޑް މެމްބަރުންނަށްވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި އެސޯސިއޭޝަންގެ އެކްސްކޯ މަޤާމުތަކަށް ހުށަހެޅުމުގެ ފުރުސަތު މާޗް މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މި ޖަލްސާގައި ގެސްޓްހައުސް އެސޯސިއޭޝަންގެ ބޯޑަށް މެމްބަރުން އައްޔަންކުރުމާއި ޖަމިއްޔާއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މިދިޔަ އަހަރު ޖީއޭއެމްގެ ރައީސަކަށް ހުންނެވީ އަހުމަދު ކަރަމް އެވެ. އަދި ނައިބު ރައީސަކަށް ހުންނެވީ އަހުމަދު އަމްޖަދު އަދި މޫސާ ނާސިހްއެވެ. އެހެންނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު ކަރަމް ވަނީ ރައީސްކަމުގެ މަޤާމުން އިސްތިޢުފާދެއްވާފައެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑުގައި 12 މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. ގެސްޓްހައުސް އެސޯސިއޭޝަން ރަޖިސްޓްރީކޮށް ރަސްމީކޮށް މަސައްކަތްތައް ފަށާފައިވަނީ 2014 ވަނަ އަހަރު މާފުށީގައެވެ.