ވިޔަފާރި

ގޯލްޑް 100 ގާލާގެ ހުރިހާ ޕާޓްނަރުންނާއެކު ސޮއިކޮށް ނިންމާލައިފި


"ގޯލްޑް 100 ގާލާ" އަދި "ބިޒްނަސް އެކްސްޕޯ 2020"ގެ ހުރިހާ ޕާޓްނަރުންނާއެކު އޯކާ މީޑިއާއިން ސޮއިކޮށް ނިންމާލައިފިއެވެ.

"ގޯލްޑް 100 ގާލާ" އަދި "ބިޒްނަސް އެކްސްޕޯ"ގެ ޕާޓްނަރުންނާއެކު ސޮއިކުރުމުގެ މަސައްކަތް ނިންމާލާފައިވާއިރު، އެ ދެ ހަރަކާތުގެ ޕާޓްނަރުންގެ ގޮތުގައި 11 ފަރާތެއް ވަނީ ހަމަޖައްސާފައެވެ. މިގޮތުން ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއެވެ.

ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ދިވެހި އިންޝުއަރެންސް ކޮމްޕެނީ، ސިމްފަނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ، އެމްސެވަން ޕްރިންޓް، އަލްޝާލީ މެރިން، އޭސް ޓްރެވަލްސް، އެމްޓީސީސީ، އުރީދޫ މޯލްޑިވްސް، ހޯކްސް، އޮބްޖެކްޓް އަދި ޖާ ޕްރައިވެޓް ލިމިޓެޑެވެ.

އޯކާ މީޑިއާގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވާ ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ފާހަގަކުރުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން ބާއްވާ އެވޯޑެކެވެ.

ބިޒްނަސް އެކްސްޕޯއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން، މިވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާއި ގުޅުން ބަދަހިކުރެވި، ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކާލުމަށް ބާއްވާ ޙަރަކާތެކެވެ.

މިއަހަރުގެ މި އެކްސްޕޯގައި ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ 3000 ފަރާތުން ބައިވެރިވެ، 150 އެގްޒިބިޓަރުން އެކްސްޕޯއަށް ޒިޔާރަތްކުރާނެކަމަށް އޯރކާ މީޑިއާއިން ބުނެއެވެ.

ބިޒްނަސް އެކްސްޕޯ އޮންނާނީ މިމަހުގެ 23 އިން 24 ގެ ނިޔަލަށެވެ. ބިޒްނަސް އެކްސްޕޯއާއި ވިދިގެން ފެބްރުއަރީ 25 ގައި ގޯލްޑް 100 ގާލާ އޮންނާނެއެވެ.