ޚަބަރު

ހުޅުމާލޭގައި ހަދާ ކޯޓް ކޮމްޕްލެކްސްގެ ފުރަތަމަ ޢިމާރާތަށް ސިވިލްކޯޓާއި ފެމިލީކޯޓާއި ޖުވަނައިލް ކޯޓް


ސުޕީރިއާ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭގައި ޤައިމްކުރާ ކޯޓް ކޮމްޕްލެކްސްގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ 10 ބުރީގެ އިމާރާތައް ސިވިސްކޯޓާއި ޖުވެނައިލް ކޯޓް އަދި ފެމިލީކޯޓް ބަދަލުކުރުމަށް ނިންމާފައިވާކަން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފިއެވެ.

ހުޅުމާލޭގައި އަލަށް ތަރައްޤީކުރާ ކޯޓް ކޮމްޕެލެކްސްގެ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި އެޗްޑީސީން މިއަދުވަނީ ސޮއިކޮށްފައެވެ. ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ތައްރައްޤީކުރާ މި ކޯޓް ކޮމްޕްލެކްސްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކުރާ 10 ފަންގިފިލާގެ އިމާރާތުގެ ބިންގާ އެޅުން މިމަހުގެ 20 ވަނަދުވަހު ކުރިއަށްދާނެކަން ޑީޖޭއޭ އިން މިއަދުވަނީ ހާމަކުރައްވާފައެވެ.

ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޖުޑީޝަލް އެޑްމިނިސްޓްރޭޭޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، މާލޭގައި ހުރި ސުޕީރިއާ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ބޮޑު މަޝްރޫއެއް ހިންގުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ހުޅުމާލޭގައި ތަރައްޤީކުރާ ކޯޓް ކޮމްޕެލެކްސް ތަރައްޤީކުރުމަށް ނިންމާފައިވަނީ ފިޔަވަހި ތަކަކަށް ބަހާލައިގެންކަމަށް ވިދާޅުވިއެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި ހަދާ 10 ފަންގިފިލާގެ އިމާރާތަށް ބަދަލުކުރާނީ މިހާރު ޖަސްޓިސް ބިލްޑިންގުގައި ކުޑަ ޖާގައެއްގައި ހިންގަމުންދާ ސިވިލް ކޯޓާއި ފެމިލީކޯޓުގެ އިތުރުން ޖުވެނައިލް ކޯޓުކަމަށެވެ. މިއަހަރު މިމަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެންދާއިރު އެ އިމާތާުގެ މަސައްކަތް މުޅިން ނިންމާލެވޭނީ ދެ އަހަރުގެތެރޭގައިކަމަށް ޑރ. އަބްދުﷲ ނަޒީރު ވިދާޅުވިއެވެ.

"ސަރުކާރުން ނިންމެވީ މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުމަށް ވަރަށް ބޮޑު ޕްރޮޖެކްޓެއް ފައްޓަން އެގޮތުން ހުޅުމާލޭގައި ޣާއިމްކުރާ ކޯޓް ކޮމްޕްލެކްސްއަށް ބަދަލުކުރާނީ ސިވިލްކޯޓާއި، ޖުވެނައިލް ކޯޓައި ފެމިލީކޯޓް މިތަނުން ފުރަތަމަ ފިޔަވަހީގައި ނިމޭ ބިލްޑިންގ އަށް ބަދަލުކުރުމަށް، އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް ދެއަހަރުގެތެރޭގައި މި ބިލްޑިންގ ނިމި މިހާރުހުރި ޖާގައިގެ ދަތިކަން ހައްލުވެގެންދާނެކަަމަށް" ޑރ.ނަޒީރު ވިދާޅުވިއެވެ.

ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަފުޅުދައްކަވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފް ވިދާޅުވީ ކޯޓް ކޮމްޕްލެކްސްއަކީ ކޯޓުަތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަަށް ކުރިއަށްގެންދާ މުހިއްމު ބިޔަ މަޝްރޫއަކަށްވުމުން އެޗްޑީސީގެ ފަރާތުން އެމަސައްކަތައް ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށެވެ.

ކޯޓް ކޮމްޕްލެކްސް އެޅުމަށް ދޫކޮށްފައިވާ 37494 އަކަމީޓަރުގެ ބިމުގައި ތަރައްޤީކުރާ ފުރަތަމަ އިމާރާތައްފަހު ދެވަނަ އިމާރާތް ޚާއްސަކުރާނީ ކްރިމިނަލް ކޯޓަށްކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ވިދާޅުވިއެވެ. އެގޮތުން ކްރިމިނަލް ކޯޓު އިމާރާތް ތަރައްޤީކުރާނީ ޖިނާޢީ މައްސަލަތަކުގެ ޝަރީއަށް ކުރިއަށްގެންދެވޭފަދަ އެންމެ އެކަށީގެންވާ ވަސީލަތްތަކާއެކު ކަމަށާއި، ކޯޓް ކޮމްޕެލެސް ތަރައްޤީކުރުމުގައި ކުރިއަރާފައިވާ ޤައުމުތަކުގައި ކޯޓުތައް ތަރައްޤީކޮށްފައިވާގޮތަށް އާންމު ފަރާތްތަކަށް ވީހާވެސް ފަސޭހައިން ޝަރުޢީކޯޓުތަކުން ޚިދުމަތް ހޯދޭނެފަދަ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ޑރ.ނަޒީރު ވިދާޅުވިއެވެ.

އައު ކޯޓު އިމާރާތްތައް ފަރުމާކުރާއިރު، ޝަރީއަތްތައް އަޑުއަހާލަން ބޭނުންވާ ފަރާތްތަކަށް ޝަރީޢަތުގެ މަޖިލީހުގައި ތިބޭ މީހުންނަށްވެސް ދަތި ނުވާގޮތަކަށް އެފުރުސަތު ފަސޭހައިން ލިބިގެންދާގޮތަކަށްކަމަށް ޑީޖޭއޭއިން ވިދާޅުވިއެެވެ.