ވިޔަފާރި

މާޗު 15ގެ ނިޔަލަށް ޖޫރިމަނާއަކާ ނުލައި އިންކަމް ޓެކްސްއަށް ރަޖިސްޓްރީކުރެވޭނެ


އަންނަމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާއަކާ ނުލައި އިންކަމް ޓެކްސްއަށް ރަޖިސްޓްރީކުރެވޭނެކަމަށް މީރާއިން ބުނެފިއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން ބުނީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށިއިރު، މިޤާނޫނުގެ ދަށުން ރަޖިސްޓްރީކުރަންޖެހޭ ފަރާތްތަކަށް ރަޖިސްޓްރީކުރުމަށް 60 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރަން ދޭންޖެހޭ 60 ދުވަސް ހަމަވާނީ މާދަމާއެވެ. ނަމަވެސް މީރާއިން ބުނީ ރަޖިސްޓްރީ މުއްދަތު ހަމަވިނަމަވެސް އަންނަމަހުގެ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ލިބިދޭ އިޚްތިޔާރުގެ ދަށުން، ޖޫރިމަނާ ކުރުމަކާނުލައި ބަލައިގަންނަނާނެކަމަށެވެ.

ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅަންޖެހޭނީ "މީރާ 117 އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީކުރުން ފޯމް"އެވެ. އަދި އުޖޫރަ ދޭ ފަރާތްތަކުން، އެފަރާތުން އުޖޫރަދޭ މީހުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ "މީރާ 118 އުޖޫރަ ލިބޭ މީހާ ރަޖިސްޓަރީކުރާ ފޯމް"އެވެ. ރަޖިސްޓަރީކުރުމަށް ހުށަހަޅާ ފޯމު މީރާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން 1 އެޕްރީލް 2020 އިން ފެށިގެން މުވައްޒަފުންގެ އުޖޫރައިން ޓެކްސް ނެގުމަށް ހަމަޖެހިފައިވާތީ، މިކަމާ ގުޅޭގޮތުން ވާންޖެހޭ ތައްޔާރީތައްވުމަށްވެސް މީރާއިން އިލްތިމާސްކުރެއެވެ.