ވިޔަފާރި

ފެލިވަރު ކާރުޚާނާގެ މަސައްކަތް ފުޅާކުރުމަށް 5 ހެކްޓަރުގެ ބިން ހިއްކަނީ


ޅ.ފެލިވަރުގައި ހިންގަމުންދާ ދަޅު މަސް ކާރުޚާނާގެ މަސައްކަތް ފުޅާކުރުމަށް އެރަށު ފަޅުން 5 ހެކްޓަރުގެ ބިން ހިއްކުމަށް މިފްކޯއިން ނިންމައިފިއެވެ.

މިފްކޯއިން ބުނީ ފެލިވަރު ބޮޑުކުރުމުގެ ގޮތުން ފެލިވަރުގެ އިރުމަތީ ފަރާތުން ރަށާއި ގުޅުވައިގެން 5 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާކަމަށެވެ. މިއީ ފެލިވަރު އިތުރަށް ތަރައްޤީކޮށް މަސް ކުންފުނީގެ މަސައްކަތްތައް ފުޅާކުރުމަށް މިފްކޯއިން ފަށާ މަޝްރޫޢެކެވެ.

މި މަޝްރުޢޫގެ ދަށުން 4000 ޓަނުގެ ކޯލްޑް ސްޓްރޭޖް ފެސިލިޓީއެއް ފެލިވަރުގައި ތަރައްޤީ ކުރެވިގެންދާނެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، 2000 ޓަނުން 6000 ޓަނަށް، އަދި ފެލިވަރުގެ ކެޕޭސިޓީ 4000 ޓަނަށް އިތުރުކުރުމަށް މިއަހަރުގެ ތެރޭގައި އިންވެސްޓް ކުރާނެކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯގެ ފެލިވަރު މަސްފެކްޓްރީއަށް މިއަހަރު 34 އަހަރު ފުރޭއިރު މިކާރުޚާނާ އަދިވެސް އޮތީ ކުރިން އެކުންފުނިން ޤާއިމްކުރި ވަސީލަތްތަކާއެކުއެވެ.

ފެލިވަރު މަސް ކާރުޚާނާ ހުޅުވީ ދުވާލެއްގެ މައްޗަށް 50 ޓަނުގެ މަސް، ދަޅުގައި ބަންދުކުރެވޭ ވަސީލަތްތަކާއެކުއެވެ. އެއީ މީގެ 33 އަހަރު ކުރިންނެވެ. އެހެންނަމަވެސް މިހާރު ވެސް ފެލިވަރުގައި ރައްކާކުރެވެނީ 750 ޓަނުގެ ފިނިކުރި މަހެވެ. ދަޅުމަހުގެ ގޮތުގައި ބަންދުކުރެވެނީ 50 ޓަނުގެ ދަޅު މަހެވެ.

މިފްކޯގެ ފެލިވަރު ކާރުޚާނާއަށް ދިމާވެފައިވާ މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން ބުނެއެވެ.

އެގޮތުން ކުންފުނި ފުޅާކުރުމަށް ޕްލޭންތައް ހަދަމުންދާކަމަށާއި މިހާރު މިކަމަށް ބޭނުންވާ ފަންޑު ލިބިފައިވާކަމަށް މިފްކޯއިން ބުނެއެވެ.