ވިޔަފާރި

ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަދޭނެ ސަރަހައްދުތައް ކަނޑައަޅައިފި


ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރަން ހުއްދަ ދޭ ސަރަހައްދުތައް ކަނޑައަޅައިފިއެވެ.

ސައިހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދު، ކެންޓީނާބެހޭ ގަވާއިދު އަދި އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދުގެ ދަށުން ވިލިނގިލީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަދޭން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވަނީ 2 ސަރަހައްދެއްގައެވެ. އޭގެތެރޭގައި ހިމެނެނީ ވިލިމާލެ ފެރީ ޓަރމިނަލް ހިމެނޭ ސަރަޙައްދާއި، ވާރު ހިނގުމެވެ.

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފޯމު މިމިނިސްޓްރީގެ ބިޒްބަސް ޕޯޓަލްއިން ލިބެން ހުންނާނެއެވެ. 24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓް މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ ކެއިންބުއިފަދަ ޒަރޫރީ ބޭނުންތަކަށް ވިއްކާ ތަކެއްޗެވެ.

24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރާނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކްކުރުމަށް ފަހުގައިކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު މިތަންތަނުގައި ހަމަޖައްސާފައި ބަހައްޓަންވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ވިލިމާލޭގެ އިތުރުން މާލެއާއި ހުޅުމާލެއާއި، ފުވައްމުލަކާއި، އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަދޭނެ ސަރަހައްދުތައް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މާލޭގައި މިހާރުވެސް 26 ފަރާތަކަށް ވަނީ 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދީފައެވެ.