ޚަބަރު

އިނގިރޭސި ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި


އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކުރުމަށް "ލެޓްސް ރީޑް"ގެ ނަމުގައި ޙާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

އޭޝިއާ ފައުންޑޭޝަންގެ އެހީއާއިއެކު ފެށި މި ޕްރޮގްރާމްއަކީ، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި، ޤައުމީ ކުތުބުހާނާ އަދި ދިވެހި ބަހުގެ އެކެޑަމީ ގުޅިގެން ކުރިއަށްގެންދާ ތްމްރީން ޕްރޮގްރާމެކެވެ.

"ލެޓްސް ރީޑް" ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަކީބު ވިދާޅުވީ، ދެ ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ޕްރޮގްރާމްއަކީ ތަރުޖަމާކުރުމުގެ ހުނަރު އަށަގަންނުވައި ދިވެހި ފޮތްތަކުގެ މުއްސަނދިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކުރުމަށް ނިންމާފައިވާއިރު، ކުރިއަށް އޮތްތަނުގައި ދިވެހި ފޮތްތައް އެހެނިހެން ބަސްތަކަށް ތަރުޖަމާކުރުމުގެ ޕްރޮގްރާމްތައްވެސް ހިންގުމަށް ނިންމާފައިވާކަން ޝަކީބު ފާހަގަކުރެއްވިއެވެ.

""ލެޓްސް ރީޑް" ޕްރޮގްރާމްއަކީ ދިވެހި ބަހުގެ މުއްސަނދިކަން އިތުރުކޮށްދޭނެ ޕްރޮގްރާމެއް. އޭޝިއާ ފައުންޑޭޝަނުން ރާއްޖެއަށް 1980 ވަނަ އަހަރުން ފެށިގެން އެހީތެރިވަމުންދާއިރު، މިއީ މި އެހީއަށް އިތުރުވި އިތުރު ބޮޅެއް. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތައް ދިވެހި ބަހައް ތަރުޖަމާކުރަން ތްމްރީން ކުރުމަށް ވަނީ ނިންމާފައި." ޝަކީބް ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ދިވެހި ލިޔުންތެރިން ބައިވެރިވާއިރު، މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ތަރުޖަމާކުރާނީ އަރލީ ޗައިލްޑްހުޑް އަދި ޕްރައިމަރީގެ ފޮތްތައްކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މަޢުލޫމާތުދެއެވެ. މި ޕްރޮގްރާމްގައި ތަރުޖަމާކުރާ ފޮތްތައް ލިޔުމަށް ހަމަޖެހިފައިވަނީ ޑރ. ހަސަން ހަމީދު ފަރުމާކުރައްވާފައިވާ "އެމްވީ އިލްހާމް" ފޮންޓުންކަމަށް އެ މިނިސްޓްރީއިން މަޢުލޫމާތުދެއެވެ. މި ޕްރޮގްރާމްގެ ދަށުން ތަރުޖަމާކުރާ ފުރަތަމަ ފޮތް މި ހަފްތާ ނިމޭއިރު އޮންލައިންކޮށް ޝާއިޢުކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

"ލެޓްސް ރީޑް" ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީގެ އިތުރުން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓެޖް ޔުމްނާ މައުމޫން ބައިވެރިވެވަޑައިގެންނެވިއެވެ.