ޚަބަރު

އަދުހަމް ކުށަށް އިއުތިރާފުވީ އަދަބު ލުއިކޮށްދޭ މަތިން: ޕީޖީ ޝަމީމް


ޤާސިމް ޙަސަންގެ މަރުގެ ތުހުމަތުކުރާ އަދުހަމް މުހައްމަދު ކޯޓުގައި ކުށަށް އިއުތިރާފުވީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމުގެ މަތިން ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޕީޖީ ޝަމީމް ވިދާޅުވީ އަދުހަމާއެކު ހަދާފައިވާ އެއްބަސްވުމުގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ ދެން އޭނާއަށް މީހަކު މަރާލުމުގެ ކުށުގައި އަންނާނީ 25 އަހަރު ދުވަހުގެ ޖަލު ހުކުމެއްގެ ބަދަލުގައި 17 އަހަރާއި 6 މަސްދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. ނަމަވެސް ޤާސިމްގެ ހުރިހާ ވާރިސުން މަރުގެ އަދަބު ދޭން ބޭނުންވާނަމަ އޭނާއަށް މަރުގެ އަދަބު ދޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މި އެއްބަސްވުމުގައި ސޮއި ކުރި ނަމަވެސް މަރުވި މީހާގެ ވާރިސުން މަރަށް މަރު ހިފަން އެދޭ ހާލަތުގައެއް މި އެއްބަސްވުމުގައި ބުނާ އަދަބެއް ނޫން ދޭނީ. އޭރުން ދޭނީ ހަމަ މަރުގެ އަދަބު. އެއްވެސް މަރުހަލާއެއްގައި، އެއީ ކްރިމިނަލް މަރުހަލާ ކަމުގައި ވިއަސް، ހައިކޯޓު މަރުހަލާ ކަމުގައި ވިއަސް، ސުޕްރީމް ކޯޓު މަރުހަލާ ކަމުގައި ވިއަސް ވާރިސުން މަރުގެ އަދަބު ދޭން ބޭނުންވާ ނަމަ މަރުގެ އަދަބު ދޭނީ،" ޝަމީމް ވިދާޅުވި އެވެ.

އަދުހަމް ވަނީ އޭނާ ޤާސިމް މަރާލި ކަމަށްބުނެ ކުށަށް އިއުތިރާފުވެ ޝަރީއަތުގެ މަޖިލީހުގައި އެ ވާހަކަތައް ކިޔާދީފައެވެ.

ޕީޖީ ޝަމީމް ވިދާޅުވީ އަދުހަމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ އޭނާ ކުށަށް އިއުތިރާފުނުވި ނަމަވެސް ކުށް ސާބިތުކުރެވޭ ވަރަށް ހެއްކާ ޤަރީނާއެކު ކަމަށެވެ.
ކްރިމިނަލް ކޯޓުގައި އަދުހަމަ ބުނި ގޮތުގައި އޭނާ ޤާސިމް މަރާލީ މަސްތުގެ ހާލުގައި ހުރެގެންނެވެ.

އޭނާ ކުށަށް އިއުތިރާފުވުމުން އަންނަ އަންގާރަ ދުވަހު އެ މައްސަލައިގައި އޮންނާނީ ހުކުމް އިއްވުން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ވިދާޅުވެފައެވެ. އަދަބު ކަނޑައެޅުމުގެ ކުރިން ގާސިމްގެ ވާރިސުންގެ ބަޔާން ނެގުމާއި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުން އޮންނާނެއެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ތަހްގީގު މަރުހަލާގައި ކުށަށް އިއުތިރާރުވުމާ ގުޅޭ އެއްބަސްވުމެއް ހެދިދާނެ ކަމަށް ބުނެފައިވެއެވެ. ޕީޖީ ވިދާޅުވީ އެ އެއްބަސްވުމުން ހެދުމުން ޝަރީއަތުގެ ވަގުތު ސަލާމަތްވެ ހަރަދުވެސް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާ ކަމަށެވެ.