ޚަބަރު

ކޮވިޑް19: ވައިރަސް އަލަށް ފެންނަ މިންވަރު ވަރަށްބޮޑަށް ދަށަށް ހިނގައްޖެ


ކޮވިޑް19، ނުވަތަ ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ހޫބެއި ޕްރޮވިންސް ފިޔަވާ ޗައިނާގެ އެހެން ޕްރޮވިންސްތަކުން ކޮރޯނާވައިރަސް ފެންނަ މިންވަރު ދަށަށް ދާން ފަށާފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޗައިނާގެ ހެލްތު ކޮމިޝަނުން ވިދާޅުވީ ހޫބެއި ޕްރޮވިންސްގެ ބޭރުން އެހެން ޕްރޮވިންސްތަކުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވި މީހުންގެ ޢަދަދު ދަށަށްދާތާ މިހާރު 10 ދުވަސް ވެފައިވާކަމަށެވެ. އެގޮތުން ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މިމަހުގެ 3 ވަނަ ދުވަހު އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ހޫބެއި ޕްރޮވިންސްގެ ބޭރުން އެހެން ޕްރޮވިންސްތަކުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވި މީހުންގެ ޢަދަދަކީ 890އެވެ. ވޭތުވެދިޔަ ހަފްތާގައި އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ވައިރަސްއަށް ޕޮޒިޓިވްވަމުންދާ މީހުންގެ އަދަދު ކޮންމެ ދުވަހަކުވެސް އަންނަނީ މަދުވަމުންނެވެ. އެކި ދުވަސްމަތިން މަދުވަމުން އައިސް މިއަދު އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ބުރާސްފަތި ދުވަހު ހޫބެއި ޕްރޮވިންސުން މިވައިރަސްއަށް ޕޮޒިޓިވްވީ 267 މީހުންނެވެ. މިއީ ވައިރަސް ފެތުރޭ މިންވަރު ވަރަށް ބޮޑުތަން ދަށްވުންކަމަށް ޗައިނާއިން ދެކެއެވެ.

މީގެ ކުރިންވެސް ލަފާކޮށްފައިވާ ގޮތުން ހަފްތާއެއް ނުވަތަ 10 ވަރަކަށް ދުވަސްތެރޭގައި ކޮރޯނާވައިރަސް އޭގެ އެންމެ ބާރު މިނުގައި ފެތުރޭނެކަމަށާއި އޭގެ ފަހުން ވައިރަސް ފެތުރޭ މިންވަރު ދަށްވާނެކަމަށްވަނީ ލަފާކޮށްފައެވެ. ހޫބެއިން ޕްރޮވިންސްގައި ވައިރަސް ކޮންޓްރޯލް ނުފެތުރި ގިނަވަމުންދާއިރު ބުރާސްފަތި ދުވަހު އެކަނިވެސް އެޕްރޮވިންސުންވަނީ 5000އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން މަރުވި މީހުންގެ ޢަދަދުވަނީ 121 އަށް އަރައެވެ. އަދި 6723 މީހުން ފަރުވާއަށްފަހު ގެއަށް ދޫކޮށްލާފައެވެ.

ކޮރޯނާވައިރަސްއާއި ގުޅިގެން ޗައިނާއިން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބައެއް ޕްރޮވިންސްތަކުގެ މަގުތަކުން ދުއްވާ ވެހިކަލްތަކަކަށް ޑިސްއިންފެންކްޓެންޓް ސްޕްރޭކުރުމަށް ސަތޭކައަށް ވުރެ ގިނަ އުޅަނދުވަނީ ޙަރަކަތްތެރިވެފައެވެ. ޗައިނާއިން މިކަމުގައި ކުރަމުންދާ މަސައްކަތްތައްކުގެ ތެރޭގައި ޑްރޯން ބޭނުންކޮށްގެން މިކަމުގެ މައުލޫމާތު ފެތުރުމާއި ކޮރޯނާވައިރަސްގެ ޚާއްސަ ރެޖިސްޓްރީއެއް އެކުލަވާލާ މީހުން ރަޖިސްޓަރ ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ކޮރޯނާ ދެނަގަތުމަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި އީޖާދުތައް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިވައިރަސްއަށް ވެކްސިންނެއް ހޯދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އެހެންނަމަވެސް މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްއަށް އެކަށީގެންވާ ވެކްސިނެއް އުފެއްދުމަށް 18 ވަރަކަށް މަސްދުވަސް ހޭދަވާނެކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެއެވެ. ކޮރޯނާވައިރަސްއަށް މިހާރު ކޮވިޑް19ގެ ނަމުން ނަން ދީފައިވާއިރު، ޗައިނާގެ ރައިސްވަނީ މިޙާލަތުން އަރަިގަނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.