ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ އަދުހަމް މުހައްމަދު އެނާގެ ކުށަށް ކުރިމިނަލްކޯޓުގައި އިއުތިރާފުވެއްޖެއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 4 ވަނަދުވަހުގޭ ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުވާކުރި ޅ.ހިންނަވަރު ބޮޑުހިޔާގޭ އަދުހަމުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި މި ދައުވާ އުފުލާފައިވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއްތި ގެންގުޅުން މަަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އަދުހަމް މުހައްމަދު ބުނީ އެނާއަށް ޑްރައިވަރު ޤާސިމަށް ހަމަލާދެވުނީ މަސްތުގެ ހާލަތުގައި ހުރެގެންކަމަށާއި އެ ކުށަށް އިއުތިރާފުވާކަމަށެވެ. އަދި ކުށަށް ތައުބާވެފައިވާކަމަށާއި ޤާސިމްގެ ވާރިސުންގެ ކިބައިން މާއާފަށް އެދޭކަމަށްވެސް ކައަދުހަމު މިއަދު ވަނީ ކޯޓުގައި ބުނެފައެވެ.
ޤާސިމް ޙަސަން މަރާލި މައްސަލައިގައި ދައުވާލިބޭ އަދުހަމް ކުށަށް އިއުތިރާފުވުމުން ދެން އޮންނާނީ ހުކުމްކުރުމެވެ. މިއަދުގެ އަޑުއެހުން ނިންމާލަމުން މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގެ ހުކުމްކުރުން އަންނަ އަންގާރަދުވަހު ބާއްވާނެކަމަށެވެ. އަދި އެެދުވަހު ގާސިމްގެ ވާރިސުންގެ ބަސް ނަގާނެކަމަށްވެސް މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވިއެވެ.
ކުށަށް އިއުތިރާފުވުމުން އަދުހަމްގެ މައްޗަށް އަންނާނީ މަރަށް މަރު ހިފުމުގެ ހުކުމެވެ. އެހެންނަމަވެސް އެއްވެސް ވާރިސަކު މާއާފު ދީފިނަމަ ނުވަތަ މެރުމަށް ދެކޮޅު ހަދައިފިނަމަ ހުކުމް ބަދަލުވެގެންދާނީ އުމަރަށް ޖަލަށްލުމާއި މަރުގެ ދިޔަށް ދިނުމަށެވެ. ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ކަނޑައަޅާފައިވަނީ އެއްލައްކަ ރުފިޔާއެވެ.
މަރަށްމަރުގެ ހިފަން ދަށު ކޯޓުން ހުކުމްކުރި ނަމަވެސް އެހުކުމް ތަންފީޒުކުރަންޖެހޭނީ އެންމެ މަތީ ކޯޓް ސުޕްރީމްކޯޓުން އެ ހުކުމް ދެމެހެއްޓުމުންނެވެ.
މަރުގެ މައްސަލަތަކުގައި މަރަށް މަރު ހިފަން ދަށު ކޯޓުން އިއްވި ތިން ހުކުމެއް ސުޕްރީމްކޯޓުން ވަނީ ދަމަހައްޓާފައެވެ. އެއީ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީގެ ގާތިލް ހުސެއިން ހުމާމާއި މަޝްހޫރު ޤާނޫނީ ވަކީލް އަހުމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތާއި މަޖިދީމަގުގައި ވަޅިއަކުން ހަމަލާދީ މަރާލި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް ގ. ރީފް މުހައްމަދު ނަބީލް މައްޗަށް އިއްވާފައިވާ މަރުގެ ހުކުމެވެ.